ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައްވައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރު އެޕްރީލްމަހު 10 ވަނަ ދުވަހުއެވެ. ވޯޓުލާން ރީ-ރަޖިސްޓްރީވުމަށް މިއަދު ހުޅުވާލި މުއްދަތު ހަމަވާނީ މާރިޗު މަހު 11 ވަނަ ދުވަހުއެވެ.
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ 2020 އެޕްރީލު 04 ވީ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމުމަށްފަހު ފަސްކުރެވިފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. ނަމަވެސް 2020 އެޕްރީލު 04 ގައި ބޭއްވުމަށް ނިންމުމަށްފަހު ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ރިސޯޓްތަކާއި ޖަލުތަކާއި މެލޭޝިއާ ކުއަލަލަންޕޫރު އަދި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާތަނުގެ ގޮތުގައި ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެސް ހިމެނޭ ތަނުގައި ކަމަށް ވެސް އީސީން ވިދާޅުވެފައިވެއެވެ.
އެހެންކަމުން މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން ތަނަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޗެކްކުރެވޭނެއެވެ. އަދި އެސް.އެމް.އެސް ((VR space IDNO Send to 1414 ކޮށްގެން ވެސް ޗެކްކުރެވޭނެއެވެ.
ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ.
މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި، ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީހުންނެވެ. މާލޭ ސިޓީގައި ނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާގެ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. (ނަމަވެސް، 2021 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އައި.ޑީ ކާޑުގެ މުއްދަތު އިތުރުކުރެވިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ނަންބަރު: (IUL)133-AS/133/2021/3 އިޢުލާނުން ޢާންމުކޮށް އަންގައިފައިވާތީ، މުއްދަތު ހަމަވެފައިވާ އައި.ޑީ ކާޑު ޤަބޫލުކުރެވޭނެއެވެ.) އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. (ފޯމު ބަލައިގަނެވޭނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ.) އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ. އަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށަހެޅޭނީ 10 ފޯމެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއަސަސާއަކުން ޒިންމާވާގޮތަށް، އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ފަހަރަކު ހުށަހެޅޭނީ އެތަނެއްގެ ތައްގަނޑު ފޯމުގައި ޖަހާފައިވާ 100 ފޯމު ކަމަށް އިލެކްޝަނުން ވިދާޅުވެފައިވެއެވެ.
ރަޖިސްޓަރީ ކުރުން ކުރިއަށްދާނީ 2021 މާރިޗު 02 ވާ އަންގާރަ ދުވަހުން ފެށިގެން 2021 މާރިޗު 11 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ
މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާ އަދި ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީސްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 01:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.މާލޭގައިނަމަ ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު :003 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.