ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފްގެ އަރިހަށް، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ ވޮންގ ލީޒިން ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަފީރު ވޮންގ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވައި، ސަފީރުގެ ހައިސިއްޔަތުން އެކަމަނާގެ އިސްނެންގެވުމާއެކު ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން ރައީސް ޑރ. މުއިއްޒާއި، އަދުގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އިރުޝާދު، ފާހަގަކުރައްވައި ސަފީރު ވޮންގ ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަފީރު ވޮންގ ވަނީ، މިސަރުކާރުގެ ވޭތުވެދިޔަ އެއްއަހަރުދުވަހުގެ ތެރޭގައި ހޯއްދަވާފައިވާ ވިލުންތެރި، ކާމިޔާބީތަކާއި، ކުރިއެރުންތައް ފާހަގަކުރައްވައި، އެކަންކަމަށް ތައުރީފް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަފީރު ދެއްކެވި ވާހަކަފުޅުގައި، މަތީ ތައުލީމާއި، ޢުމްރާނީ ތަރައްގީއާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ދޭދޭ ގުޅުންތައް ބަދަހިކުރައްވައި އިތުރަށް ކުރިއެރުވުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެއީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކޮށް، ދެމެހެއްޓެނިވި ރޫހެއްގައި އެއްބާރުލުން ދީގެން ހޯދިފައި އޮތް ކުރިއެރުމެއްކަން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގ، ނައިބު ރައީސްގެ އަރިހަށް ކުރެއްވި މި ވަދާއީ ޒިޔާރަތް ނިންމަވާލައްވަމުން، ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން އަދިވެސް އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ދެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.