ދިވެހިރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކުގައި "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި މި މައްސަލައާ ގުޅިގެން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސް.ޓީ.އޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ވަނީ ނިންމަވާފައެވެ.
މީގެއިތުރުން، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއަރގެ ހިދުމަތެއްގެ ގޮތުގައި ސިޒޭޝަންގެ ހިދުމަތް ދިނުމަށް ރައީސް ހަމަޖައްސަވާފައިވެއެެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ މާސްޓަރ ޕްލޭންގެ ދަށުން، ރައީސް ވަނީ މުހިންމު ގިނަ އިސްލާހުތަކެއް ތައާރަފުކުރައްވާފައެވެ. މި އިސްލާހުތަކުގެ ތެރޭގައި ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނާއި، އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނެވުނު އިސްލާހުތައް ހިމެނޭއިރު، މީގެ ސަބަބުން ދުންފަތުގެ ބާވަތްތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުމަށާއި، ވޭޕް ކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މި ހުރިހާ ސިޔާސަތުތަކަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަމާޒުކޮށް، ސަރުކާރުން ގެންގުޅުއްވާ ވަރުގަދަ އަޒުމުގެ ހެއްކެކެވެ.