ޖަލުތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ބަދަލު ގެނެސް، އެ ޕްރޮގްރާމްތަކާ ގުޅުވައިގެން ޙުކުމަށް ލުއި ދިނުމާއި، ޙުކުމް މަޢާފުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައެވެ.
މި ނިންމެވުން ނިންމެވީ 2024 ޑިސެމްބަރ 1 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ހުށަހެޅި ކަރުދާހަކާ ގުޅިގެންނެވެ.
މި އައު ނިޒާމުގެ ދަށުން، ޖަލުގެ އެތެރޭގައާއި ބޭރުގައި ތަފާތު އެކި މަސައްކަތްތައް ކުރުމުގެ ފުރުޞަތު ޤައިދީންނަށް ލިބިގެންދާނެއެވެ. މި ޕްރޮގްރާމްތައް ހިންގާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ނިޒާމެއްގެ ތެރެއިން ޙުކުމަށް ލުއި ދިނުމާއި، ޙުކުމް މަޢާފުކޮށްދިނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ރައީސްގެ މި ނިންމެވުމާ ގުޅިގެން، ރީހެބިލިޓޭޝަން ފްރޭމްވަރކަށް އަމަލުކުރަން ފެށުމަށާއި، ޖަލުތަކުގައާއި ޖަލުން ބޭރުގައި ޤައިދީންނަށް ވަޒީފާ އަދާކުރެވޭނެ ފުރުޞަތުތައް އިތުރުކުރެވޭނެ ގޮތަށް ނިޒާމް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި ރީހެބިލިޓޭޝަން ފްރޭމްވަރކާއި، މަޢާފުދިނުމާއި، ޕެރޯލް ހަމަޖެއްސުމާއި އަދި ޙުކުމަށް ލުއި ދިނުމުގެ ނިޒާމް ގުޅުވާލުމަށާއި، ކޮމިއުނިޓީ ސަރވިސް އިތުރަށް ފުޅާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ނިންމާފައެވެ.
މި ކަންކަން ތަންފީޛުކުރުމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ހަވާލުކުރެވި، އެކަންކަން ތަންފީޛު ކުރުމަށްޓަކައި ކުރަންޖެހޭ މައިގަނޑު ކަންކަން ހާސިލްކުރުމަށް ޓައިމްލައިނެއް އެކުލަވާލައި، އެކަންކަން ހާސިލްކުރެވޭ މިންވަރު ބެލުމަށްވެސް ހަމަޖައްސާފައިވާކަން ފާހަގަކުރެވެއެވެ.