މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ވިއްސާރައިގެ ސަބަބުން އަސަރުކުރި ރަށްތަކަށް ޖުމްލަ 1.1 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރިޕޯޓުކޮށްފިއެވެ.
އެންޑީއެމްއޭ އިން ބުނާ ގޮތުގައި 10 ރަށަކަށް އަސަރުކޮށް، 110 ގެއަކަށް ގެއްލުންވެފައިވެއެވެ. އެގޮތުން، އެންމެ ގިނަ ގޭބީސީތަކަށް ގެއްލުންވެފައިވަނީ ލ. އަތޮޅު ކުރެންދޫގައި ކަމަށްވާއިރު، އެރަށުގެ 97 ގެއަކަށް ގެއްލުންވެފައިވާކަމަށް އެ އިދާރާއިން ހިއްސާކުރި ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
އަދި ނޮވެމްބަރު މަހުގެ ނިޔަލަށް، ވިއްސާރައިގެ ސަބަބުން ޢިމާރާތްތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ ޖުމްލަ އަގު 1.1 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަމަށް އެންޑީއެމްއޭ އިން ބަޔާންކުރެއެވެ.
އެންޑީއެމްއޭ އިން ވަނީ އިންސާނީ އެހީއާއި ކާރިސާގެ ސަބަބުން ލިބޭ ގެއްލުމަށް އެހީތެރިވުމުގެ ޤަވާޢިދުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިއެވެ.