އިންޑިއާއިން އިޢްލާން ކޮށްފައި ވަނީ ހަތިޔާރު ގަތުމަށް 130 ބިލިއަން ޑޮލަރު ހަމަޖައްސާފައިވާ ކަމަށެވެ. އެޕްރީލް މަހު އައު ހަތިޔާރު ގަތުމަށް އިންޑިއާ ސަރުކާރުން ތައްޔާރު ވަމުން ދާއިރު ހައިޔާރު އުފައްދާ ބިޔަ ކުންފުނިތަކުން ދަނީ އިންޑިއާ ގައި ހަތިޔާރު އުފެއްދުމަށް ފުރުސަތު ހޯދުމަށް ތައްޔާރު ވަމުންނެވެ.
ބެންގަލޯރ ގައި ބާއްވާފައިވާ އެއަރ ޝޯ ގައި އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގ ވިދާޅުވީ އަށް އަހަރުގެ ތެރޭގައި އިންޑިއާގެ ހަތިޔާރުތައް އައު ކުރުމުގެ މަޝްރޫއެއް ސަރުކާރުން ރާވާފައިވާ ކަމަށެވެ.
އިންޑިއާއިން ހަތިޔާރު ގަތުމަށް ގިނަ އަދަދެއްގެ ފައިސާ ކަނޑައަޅާފައި މިވަނީ ހިމާލިޔާ ސަރަހައްދުގައި ގަލްވާން ވާދީގައި އިންޑިއާއި ޗައިނާއިން ހަމަލާތައް ބަދަލުކޮށް ކުރިމަތިލުންތަކެއް ހިންގާފައިވާ ފަސްމަންޒަރެއްގައެވެ. 45 އަހަރުގެ ތެރޭގައި ދެ ފަރާތް ދެމެދު ހިނގާފައިވާ އެންމެ ބޮޑު ކުރިމަތި ލުމުގައި އިންޑިއާގެ ސިފައިންގެ 20 މީހުން މަރުވެފައި ވެއެވެ.
އިންޑިއާއިން ވަނީ ދިފާއީ ސާމާނުތައް ގަތުމަށް ކުރާ ހޭދަ 19 އިންސައްތައަށް އިތުރު ކޮށްފައެވެ. މިއީ 15 އަހަރުގެ ތެރޭގައި އިންޑިއާއިން ދިފާއީ ސާމާނު ގަތުމަށް ހޭދަކުރާ ފުރަތަމަ ފަހަރެވެ.
އިންޑިއާއިން ދޭން ވިސްނާފައިވާ ކޮންޓްރެކްތްގެ ތެރޭގައި އިންޑިއާގެ ވައިގެ ސިފައިންނަށް 114 މެދު ފަންތީގެ ބޯޓް ގަތުމަށް ހޭދަ ކުރުން ހިމެނެއެވެ. ބޮއިންއާއި ލޮކްހީޑް މަރޓިންއާއި ސާބްއާއި މިގް އިން ވަނީ މިކަމަށް ކަނޑައަޅާފައިވާ 25 ބިލިއަން ޑޮލަރިގެ ކޮންޓްރެކްޓަށް ކަޅި އަޅާފައެވެ.
މިދިޔަ ދިހަ އަހަރެއްހާ ދުވަސް ތެރޭގައި އިންޑިއާއިން އަސްކަރީ ސާމާނުގަތުމަށް ހޭދަ ކޮށްފައި ވަނީ ގައުމުގެ ޖުމުލަ އުފެއްދުމުގެ ތިނެއް އންސައްތައެވެ.
މިފަހަކަށް އައިސް އިންޑިއާގެ ދެ ސަރަހައްދީ ރޮނގުކަމަށްވާ ޕާކިސްތާނާއި ޗައިނާއާ ވީ ސަރަހައްދުގައި ހިނގާފައިވާ ހަމަނުޖެހުންތަކުން އިންޑިއާއިން ވަނީ އިތުރަށް ހަތިޔާރު ހޯދުމަށް ނިންމާފައެވެ.
އިންޑިއާގައި މިހާރުވެސް ބޮޑެތި ކުންފުނިތަކުން ޖޮއިންޓް ވެންޗާ ހަދައިގެން ހަތިޔާރު އުފައްދައެވެ. އޭގެ ތެރޭގައި ޓާޓާ އާއެކު ޖޮއިންޓް ވެންޗަރ ހަދާފައިވާ ލޮކްހީޑް މާރޓިންއަކީ ސީ 130ޖޭ މަތިންދާބޯޓްގެ ބޮޑެތި ޕާޓްތައް އިންޑިއާގައި އުފައްދާ ކުންފުންޏެކެވެ. މި ކުންފުނިން 600 މިލިއަން ޑޮލަރިގެ ސާމާނުތައް އެކސްޕޯޓް ކުރެއެވެ. އަދި އިންޑިއާއަށް 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ދެއެވެ.
ބޮއިން ކުންފުންޏަކީވެސް ޓާޓާ ގްރޫޕްގެ ޓާޓާ އެޑްވާންސް ސިސްޓަމްސްއާ ގުޅިގެން ޗިނޫކް ހެލިކޮޕްޓަރ އާއި އަޕާޗޭ ހެލިކޮޕްޓަރގެ ސާމާޏުތައް އުފައްދާ ކުންފުންޏެކެވެ.
ހައިދަރްއާބާދުގައި ހަދާފައިވާ ފެސިލިޓީން 2018 އިން ފެށިގެން ބޮއިން/ ޓާޓާއިން ބައިނަލްއަގްވާމީ ބާޒާރަށް ހަތިޔާރު ވިއްކައެވެ.
މީގެ އިތުރުން އިޒްރޭލުގެ ޜާފާއެލް އެޑްވާސް ސިސްޓަމްސް އިންވެސް ވަނީ އިންޑިއާގައި ޓްރޮޕިޑޯ އާ ދެކޮޅަށް ބޭނުންކުރާ މިސައިލް އުފެއްދުމަށް ނިންމާފައެވެ.
ކުރިން އިންޑިއާގެ ދިފާއީ ދާއިރާގައި ބޭރު ގައުމުތަކަށް އިންވެސް ތްކުރެވޭނީ 49 އިންސައްތަ އަށެވެ. ނަމަވެސް އަލަށް ގާނޫނަށް ގެނަސްފައިވާ ބަދާލާއެކު ސަރުކާރުގެ އިތުރު ހުއްދައަކާ ނުލައި 74 އިންސައްތައަށް ދިފާއީ ކަންކަމުގައި ބޭރުގެ ކުންފުނިތަކަށް އިންވެސްޓް ކުރެވޭނެއެވެ.