ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ ވޮންގ ލީޒިން ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ސަފީރުގެ ހައިސިއްޔަތުން އެކަމަނާގެ އިސްނެންގެވުމާއެކު ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގައި އެކި ދާއިރާތަކުން ހިންގާ ތަރައްޤީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް، އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒާއި، އަދުގެ ސަރުކާރުން، އެކަމަނާގެ ސަފީރުކަމުގައި ދެއްވަމުން ގެންދެވި އެއްބާރުލެއްވުމާއި އިރުޝާދު ފާހަގަކުރައްވައި، ސަފީރު ވޮންގ ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. ސަފީރު ވޮންގ ވަނީ، މިސަރުކާރުގެ ވޭތުވެދިޔަ އެއްއަހަރުދުވަހުގެ ތެރޭގައި ހޯއްދަވާފައިވާ ވިލުންތެރި، ކާމިޔާބީތަކާއި، އިޖާބީ ކުރިއެރުންތައް ފާހަގަކުރައްވައި، އެކަންކަމަށް ތައުރީފު ކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބިނާކޮށްފައިވަނީ، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި، ހިއްސާކުރާ މަސްލަހަތުތަކުގެ ތަރަހައިގެ މަތީގައިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުމުގައި، ރައީސް އާއި ސަފީރު ވަނީ، ޗައިނާއިން އިސްނަގައިގެން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާއި، ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާމެދު މަޝްވަރާކުރައްވާފައެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގ، ރައީސްގެ އަރިހަށް ކުރެއްވި މި ވަދާއީ ޒިޔާރަތް ނިންމަވާލައްވަމުން، ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން އަދިވެސް އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީންކުރައްވާކަމުގައި ދެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.