ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް ޤާއިމުކުރެވުނު "އިމިގްރޭޝަން ވޮޗް" ޕޯޓަލްއަށް މިހާތަނަށް 1000އަށް ވުރެ ގިނަ މައްސަލަ ހުށައަޅާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ނޮވެމްބަރު މަހުގެ ނިޔަލަށް އިމިގްރޭޝަން ވޮޗަށް ޖުމްލަ 1017 މައްސަލަ ހުށައަޅާފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ ބިދޭސީ މަސައްކަތްތެރިން ޤާނޫނާއި ޤަވައިދާ ޚިލާފަށްދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލަތަކެވެ. މިގޮތުން އެފަދަ 239 މައްސަލަ ހުށައަޅާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
އިމިގްރޭޝަނުން ހާމަކުރި ތަފްސީލުތަކުގައިވާ ގޮތުން، ވޯކް ވިސާއާ ގުޅޭ 239 މައްސަލަ ހުށަހަޅާފައިވާއިރު، ހަށިވިއްކުމުގެ 65 މައްސަލައާއި، ވަޒީފާއިން ފިލުމުގެ 41 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެއިތުރުން، ޓޫރިސްޓް ވިސާއާ ޚިލާފުވުމުގެ 14 މައްސަލައާއި، އެމްޕްލޯޔަރ ސްޕޮންސަރޝިޕާ ޚިލާފުވުމުގެ 12 މައްސަލަ ހުށަހަޅާފައިވެއެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، ވިސާގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ 12 މައްސަލައާއި، އެކި ބާވަތުގެ ކުށް ކުރުމުގެ 11 މައްސަލަ، އަދި މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ 10 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އަދި މީގެ އިތުރުން، އާންމު ސިއްޙަތަށް ނުރައްކާވާ ގޮތަށް ބޭނުންކުރަމުން އައި 8 ތަނެއްގެ މައްސަލައާއި، ހިއުމަން ޓްރެފިކިންގގެ 7 މައްސަލަ، އަދި ބްލެކް މާކެޓުގައި ބޭރު ފައިސާ މާރުކުރުމުގެ 7 މައްސަލަ ވެސް ވަނީ ހުށަހަޅާފައެވެ.
"އިމިގްރޭޝަން ވޮޗް" އަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް ޤާއިމުކުރެވުނު އޮންލައިން ޕޯޓަލްއެކެވެ. މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު މިފަދަ މައްސަލަތައް ރިޕޯޓުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.