ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އެކުވެރި އަރަބި ޢިމާރާތް، ޔޫ.އޭ.އީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައީސް، ޝައިޚް މުހައްމަދު ބިން ޒާއިދް އަލް-ނަޙްޔާން އާއި އެޤައުމުގެ ނައިބުރައީސް ޝައިހު މުހައްމަދު ބިން ރާޝިދު އަލް-މަޚްތޫމް އަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ރައީސް ވަނީ ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، ޔޫ.އޭ.އީ އަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއްކަމަށާއި، އެގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އިސްކަންދެއްވާކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ރައީސް، ޝައިޚް މުޙައްމަދު ބިން ޒާއިދް އަލް-ނަޙްޔާން އާއި އެޤައުމުގެ ނައިބުރައީސް ޝައިޚް މުހައްމަދު ބިން ރާޝިދު އަލް-މަޚްތޫމަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެން، ގައުމުގެ އަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށް އެދިވަޑައިގަންނަވަމުންނެވެ.