ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރު، އއ. މަތިވެރިއަށާއި، ތޮއްޑޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައި މާލެ ވަޑައިގެންފިއެވެ.
2024 ޑިސެންބަރު 1 އިން 2 އަށް ކުރެއްވި މި ދަތުރުފުޅުގައި އެ ދެ ރަށުގައި އޮތް މުހިންމު ރަސްމިއްޔާތުތަކެއްގައި ބައިވެރިވެވަޑައިގަތެވެ. މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ އއ. ތޮއްޑޫއެވެ. އިއްޔެ ހެނދުނު ތޮއްޑޫއަށް ވަޑައިގެން ވަޒީރު ވަނީ ތޮއްޑޫ ކައުންސިލުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން، ތޮއްޑޫ ކައުންސިލާއި، ތޮއްޑޫ ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކޮމްޕެނީގެ އެގްޒިޓް މީޓިންގގައިވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަތެވެ.
އިއްޔެ މެންދުރުފަހު ވަޒީރު ވަޑައިގަތީ އއ. މަތިވެރިއަށެވެ. މަތިވެރީގައި އެ މަނިކުފާނު ވަނީ މަތިވެރި ކައުންސިލާއި، އޮޑިޓަރ ޖެނަރަލް އޮފީސް ގުޅިގެން ހިންގި މާލީ ބަޔާން ތައްޔާރުކުރާނޭ ގޮތުގެ ތަމްރީނު ޕޮރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވަނީ އެ ފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
މި ދަތުރުފުޅުގައި ވަޒީރާއެކު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި، ސްޓޭޓް މިނިސްޓަރ ޝަރަފުއްދީން އަބޫބަކުރާއި، އއ. އަތޮޅު ބެލެހެއްޓެވުމާއި ޙަވާލުވެ ހުންނެވި މިނިސްޓްރީގެ ނާއިބު އަޙްމަދު ޙަލީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިކުރުމަށް ކުރެވުނު މުހިންމު ދަތުރުފުޅެއް ކަމަށް ބެލެވެއެވެ. ވަޒީރުގެ މި ދަތުރުފުޅުން އެ ދެ ރަށުގެ ރައްޔިތުންނަށް ސަރުކާރުގެ ސަމާލުކަން ލިބި، ރަށްރަށުގެ ކަންކަން ހައްލުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.