މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދޭ ސީ-ޓު-އެއަރ ކާގޯ ޚިދުމަތާ ވާޖިން އެޓްލެންޓިކް އިން ގުޅިއްޖެއެވެ.

މި ގުޅުމާއެކު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފޯރުކޮށްދިނުމަށް ބައިވެރިވެފައިވާ އެއަރލައިންތަކުގެ އަދަދު 12 އަށް އިތުރުވެފައިވާކަމަށް އިޢުލާނުކޮށްފައެވެ.

ސީ-ޓު-އެއަރ ކާގޯ އުފުލުމުގެ ޚިދުމަތަކީ ކަނޑު މަގުން ދިވެހިރާއްޖެއަށް މުދާ ގެނެސް، އެއަށްފަހު އެ މުދާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވައިގެ މަގުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭ ޚިދުމަތެކެވެ. މި ޚިދުމަތަކީ އެމްޕީއެލް، އެމްއޭސީއެލް، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އަދި ބައިނަލްއަޤްވާމީ އެއަރލައިންތަކާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މޭ މަހު ފެށުނު މި އައު ޚިދުމަތުން މިހާތަނަށް ރާއްޖޭގެ އިޤްތިޞާދަށް 3 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ.

އެމްއޭސީއެލް އިން ވިދާޅުވީ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ފޯރުކޮށްދޭ ކާގޯ ޚިދުމަތްތައް ފާހަގަކުރެވޭ ގޮތެއްގައި ފުޅާވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ކާގޯ ގުޅުންތަކުގެ ލޮޖިސްޓިކްސް ޗެއިންގައި ވީއައިއޭ އަށް ހިއްސާއެއް އޮތުމުން އެމްއޭސީއެލް އިން އިޤްތިޞާދަށް ކުރާ ހިއްސާ އިތުރަށް އިތުރުވެގެންދާނެ ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފޯރުކޮށްދިނުމަށް ބައިވެރިވެފައިވާ އެއަރލައިންތަކުގެ ތެރޭގައި ޓަރކިޝް އެއަރލައިންސް، ޤަޠަރު އެއަރވޭޒް، އެމިރޭޓްސް އެއަރލައިންސް، އެތިހާދު އެއަރލައިންސް، އޮސްޓްރިއަން އެއަރލައިންސް، ބްރިޓިޝް އެއަރވޭޒް ފަދަ މަޝްހޫރު އެއާރލައިންތައް ހިމެނެއެވެ.