މޮނިޓަރިންގެ ޙާލަތުގައި އައްޑޫ ސިޓީން އޮންނައިރު އެ ސިޓީން ފުރުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މި މަޝްވަރާ މިއަދު ކުރައްވާފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، އިންޓަރނޭޝަނަލް ބޯޑަރ ހެލްތު އަދި މޯލްޑިވިއަންގެ އިސް ބޭފުޅުންނާ އެކުގައެވެ.
އައްޑޫ ސިޓީން މިހާތަނަށް ވަނީ 91 މީހަކަށް ކޮވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން މިހާތަނަށް ވަނީ 58 މީހުން ފަސޭހަވެފައެވެ. އައްޑޫގައި އެބަލި ފެތުރެން ފެށުމުން އައްޑޫ އަދިވެސް އޮތީ މޮނިޓަރިންގައެވެ. އެހެން ކަމުން އައްޑޫ ސިޓީން އެއްވެސް ތަނަކަށް ފުރާ ކަމަށްވާނަމަށް އެކަން ކަމާބެހޭ ފަރާތްތަކަށް އަންގަން ޖެހެއެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގައި ކޮވިޑު ފެތުރުން މިހާރުވަނީ މަޑު ޖެހިފައެވެ. އެހެންނަމަވެސް މީދޫގައި އަދިވެސް ދަނީ ފެތުރެމުންނެވެ. އެކަމަކު އެރަށުން ވެސް އިތުރު ކޭސްއެއް ނުފެންނަތާ ދެ ދުވަސް ވެއްޖެއެވެ.
އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވެފައިވަނީ އަދިވެސް ސިޓީގެ ޙާލަތު އެންމެ ރަނގަޅު ނޫންކަމަށެވެ. އެހެން ކަމުން އެންމެން ވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން އުޅުމަށް މޭޔަރު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.