ކޮވިޑަށް ޕޮޒިޓިވްވާ މީހުން ކޮންޓެކްޓް ޓްރޭސިންއަށް ދޮގު މައުލޫމާތު ދޭތީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅެމުން އަންނަ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުން ކޮންޓެކްޓް ޓްރޭސިންއަށް ދޮގު މައުލޫމާތުދޭކަން މިހާރަކަށް އައިސް ފާހަގަކުރެވެމުން އަންނަ ކަމަށާއި އެއީ ބަލި ކޮންޓްރޯލް ކުރުމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.
އެހެންކަމުން ކޮވިޑަށް ޕޮޒިޓިވްވާ ކޮންމެ މީހަކު ވެސް އެމީހަކާ ކޮންޓެކްޓްވެފައިވާ އެންމެންގެ މައުލޫމާތު އެޗްޕީއޭއާ ހިއްސާ ކުރުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މިފަދަ ކަންތައްތަކުގެ ސަބަބުން އޮފީސް މާހައުލުގައި ކޮވިޑް ފެތުރުން އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަން ކުރާ މާލޭ ސިޓީގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނާތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. ނަމަވެސް އަޅާފައިވާ ފިޔަވަޅުތަކަށް އެކަށީގެންވާ ގޮތެއްގައި އަމަލުކުރާތަން ނުފެންނަ ކަމަށް ހިތާމަޔާއެކު ޑރ. ނަޒްލާ ފާހަގަ ކުރެއްވި އެވެ.
މާލޭގެ ކޭސްތައް މިހާރު ހުންނަނީ ކޮންމެ ދުވަހަކު 100 އިން މަތީގަ އެވެ. އެ އަދަދު ތިރިކުރުމަށް އެޅި ފިޔަވަޅުތަކުން އެއްވެސް ނަތީޖާއެއް ނުފެނެ އެވެ. ފަހަކަށް އައިސް މާލޭގައި ކޮވިޑްޖެހިގެން މަރުވާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.