ރާއްޖޭގެ މަޝްހޫރު މެރެތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދު އޭނާގެ 68 ވަނަ އިންޓަރނޭޝަނަލް މެރެތަން ރޭހުގައި ބައިވެރިވުމަށް މިރޭ ތުރުކީއަށް ފުރާނެއެވެ. އޭޭނާ އެގައުމަށް ފުރާނީ މިރޭ 8:00 ގައި ފުރާ މަތިންދާ ބޯޓަކުންނެވެ.

"ރަންތޯލިވާ އިންޓަރނޭޝަނަލް މެރެތަން" ގެ ނަމުގައި ބާއްވާ މުބާރާތެކެވެ. މިދަތުރުގައި ތުރުކީ ވިލާތުގައި 7 ދުވަސް ނަސްރު ހޭދަކުރާނެވެ.

ނަސްރުއާ އެކު އެމްއެންޑީއެފްގެ އިތުރު ދެ އެތުލީޓުން މި މުބާރާތުގައި ބައިވެރިވާނެއެވެ. އެއީ މުހައްމަދު ރަޝީދާއި މުހައްމަދު މުސްތަފާއެވެ. މިއީ އިންޓަރނޭޝަނަލް މިފަދަ މުބާރާތެއްގައި މުސްތަފާ ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ކޮވިޑްގެ ސަބަބުން މި މެރެތަންގައި މާގިނަ މީހުން ބައިވެރިއެއް ނުވެއެވެ. މުޅި ދުނިޔެއަށް ވެސް ދީފައިވަނީ 50 ޖާގައެވެ. އޭގެ ތެރެއިން ރާއްޖެއަށް ލިބިފައިވަނީ 3 ޖާގައެވެ.

މި މެރެތަންއާ ބެހޭ ގޮތުން ނަސްރު ބުނީ މުޅިދުނިޔެއަށް ކޮވިޑް ފެތުރިފައިވާ މިދަނޑިވަޅުގައި މިފަދަ އިވެންޓަކަށް ދަނީ ވަރަށްބޮޑު ރިސްކެއް ނަގައިގެން ކަމަށެވެ.

"ޓާގެޓަކީ ރަނގަޅު ނަތީޖާއެއް ހޯދުން. މުޅި ދުނިޔެއަށް ކޮވިޑް ފެތުރިފައި އޮތް މިދަނޑިވަޅުގައި މި މުބާރާތަށް މިދަނީ ވަރަށް ބޮޑު ރިސްކެއް ނަގައިގެން. އެހެންނަމަވެސް މި އިވެންޓުން ރާއްޖެއަށް ރީތި ނަމެއް ލިބޭތޯ ވަރަށްބޮޑަށް މަސައްކަތް ކުރާނަން،" ނަސްރު ބުންޏެވެ.

ކޮވިޑްގެ ނުރައްކާތެރި މިހާލަތުގައި ވެސް ނަސްރު މިއިވެންޓުގައި ބައިވެރިވަނީ ގައުމީ ކަމެއް ކަމަށް ދެކިގެން ގައުމަށްޓަކައެވެ. ރީތިނަމެއް ލިބޭތޯއެވެ.

މިހާލަތުގައި ވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރޖެނެރަލް ޢަބްދުﷲ ޝަމާލު ދެއްވާ ހިތްވަރާއި ބަހައްޓަވާ ގާތްކަމަށްޓަކައި ނަސްރުވަނީ އޭނާއަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ސިފައިންގެ ކުލަބުގެ ރައީސަށާއި ކުލަބަށް ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.