ނަފުސާނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކޮންމެ އިންސާނަކަށް ވެސް ތަޢުރީފު ބޭނުންވާނެއެވެ. ޚާއްޞަކޮށް އަންހެނުންނެވެ. އެމީހުންގެ ފިރިންގެ ދުލުން އެމީހުންނަށް ތަޢުރީފް ކުރާ އަޑު ނިކަން އަހާހިތްވާނެއެވެ.
ފިރިމީހާގެ ތަޢުރީފާއި އަޅައިލުމާއި އޯގާތެރިކަން އިންތިހާއަށް ބޭނުންވުމަކީ އަންހެނުންގެ ޠަބީޢަތުގައި ހުންނަ ކަމެކެވެ. އެމީހުން އެކަމަށް އެދޭ ކަމެކެވެ. އެހެންވީމައި އަނބިންނަށް ތަޢުރީފް ނުކުރާ ފިރިން އެކަން ކުރަން ފަށާށެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އަނބިންނަށް ތަޢުރީފް ކުރުމުގެ ގޮތުން ހަދާ ދޮގުވެސް ދޮގަކަށް ނުވާނެއެވެ. "އަލް ކަޒިބުލް އަބްޔަޟް" އެއީ ހުދު ދޮގެވެ.
ތަޢުރީފް ކުރުމުގެ ގޮތުން ވެސް ހުޝާމަދު ކުރުމެއްނެތެވެ. އެހެނަސް ތަޢުރީފު ކުރަންޖެހޭ ދަނޑިވަޅުތަކަށް ނިކަން ހުޝިޔާރުވާށެވެ. ތަޢުރީފުގެ ބަސްތައް އޮއްސާލާށެވެ. އެހެންނޫނީ އެވެރިން ލައްކަ ހިތުގައި ޖެހޭނެއެވެ.
ތަޢުރީފު ކުރަން ޖެހޭ ދަނޑިވަޅުތަކޭ މިބުނަނީ އަނބި މީހާއަކަށް އެދޭނެ ވަގުތުތަކެވެ. މިސާލަކަށް ފިރިމީހާ ހުކުރަށް ދާން ނުކުންނަ ގަޑިއެވެ. އެވަގުތު އަނބިމީހާ ފަހަތުން އައިސް ލޯބިން ދިއްކޮށްލާ ޖޫސްތަށި ބޮއިލާ ވަގުތެވެ. އެވަގުތު ފިރިމީހާގެ އޯގާތެރި ލޯބިވެތި ބަހަކަށް އަނބިމީހާގެ ހިތާއި ސިކުނޑި އެދޭނެއެވެ. އެހެންވީމާ އެންމެ ކުޑަމިނުން ޖޫސް ތަށީގެ މީރު ވާހަކަވިޔަސް ބުނެލާށެވެ. އަދި ހުކުރުން އަންނަ އިރު ކައްކާފައި އެ ހުންނަ ކާނާގެ މީރުވާހަކަ ވެސް ބުނެލާށެވެ. ދެމީހުންގެ އުފައްލަށްޓަކައެވެ.
މިފަދަ ޙާލަތްތަކުގައި ފިރިމީހާގެ ފަރާތުން އެފަދަ ބަހެއް އަޑު ނީވުމުން ނިކަން ހިތުގައި ޖެހޭ އަނބިން އުޅެއެވެ. އެހެންވީމާ ނިކަން ސަމާލުވާން ޖެހެއެވެ. ތިމާގެ ލޯބިވާ އަނބިމީހާގެ ތުނިތުނި ހިތް ޒަޚަމް ކޮށްނުލާށެވެ. އެހިތުގައި ކުޑަނަމަވެސް ކޫރުމެއް އެޅުނަދީގެން ނުވާނެއެވެ.
މިހެން މި ބުނަނީ ވަރަށް ގިނަ ފަރާތް ތަކެއް އެކަމުގެ ވާހަކަ ދައްކާތީއެވެ. ބައެއް އަންހެނުން ބުނާ ގޮތުގައި އެމީހުން މިހާރު ތަޢުރީފުގެ ބަހަކަށް އުންމީދެއް ނުކުރަމެވެ. އެއީ ނުލިބޭނެ އެއްޗަކަށް ވާތީ އެކަމަށް އާދަ ވީއެވެ. މި އިން އެނގެނީ ދިވެހި މުޖުތަމަޢުގައި މި ސިފަ މަދު ވެފައި އޮތް މިންވަރެވެ.
ފޭސް ބްކް ގައި އަންހނެކު ހިއްސާކޮށްފައިވާ ލިޔުމެއްގައި ވެއެވެ. "މި ޒަމާނުގައި ގިނަ ފިރިހެނުން ބޭނުންވަނީ އަނބިންނެއް ނޫނެވެ. ދަރިންނެވެ. ދެން އެދަރިން ބަލަން ގޭގައި އިންނާނެ އަންހެނެކެވެ. ގޭގެ ނޯކަރުންގެ ދަރަޖަ އަނބިމީހާ އަށް ދިނުމަކީ ވަރަށް ބޮޑު ނިކަމެތިކަމެކެވެ،"
ރައްޓެހި ވެގެން އުޅޭ އިރު އެކުރާ ތަޢުރީފު ގިނަފަހަރަށް ކައިވެންޏާއި ހިސާބުން ސައިބޯނި ބޮތްކަކަށް ވެދެއެވެ. ކުއްޖަކު ލިބޭ ހިސާބުން އެ ބަސްވެސް ނެތިގެންދެއެވެ. ނަމަވެސް މި ކައިވެންޏާ ހަމައަށް މި ދަނީ އެތައް ތަޢުރީފަކާއި ލޯތްބަކާއި އަޅާލުމެއްގެ ތެރެއިންނެވެ. ނަމަވެސް ދަރިން ލިބި އަނބިމީހާގެ ހަށިގަނޑަށް އެއަންނަ ބަދަލުގެ ސަބަބުން އެއީ ތަޢުރީފު ޙައްޤު މީހެއް ކަމަށް ބަލައި ނުގަންނަ ފިރިހެނުން މި މުޖުތަމަޢުގައި ގިނަވެއްޖެއެވެ. އެ ރީތިކަން ގުރުބާން ކޮށްލީ ކާކަށް ހެއްޔެވެ؟ އެ ރީތި ހަށިގަނޑަށް ބަދަލު އައީ ކީއްވެ ހެއްޔެވެ؟ އެފަދަ ގުރުބާނީއެއް ވީތީ ވެސް ތަޢުރީފު ޙައްޤެއް ނުވޭހެއްޔެވެ؟
ގިނަ އަނބިން އޭނާގެ ޙަޔާތުގެ ބައިވެރިޔާ ބަލައި ގަންނަނީ އޭނާގެ ވަށައިގެންވާ ފޭރާމެއްގެ ގޮތުގައެވެ. އެއީ އޭނާގެ ހިތުގެ ތަޞައްލީއެވެ. އޭނާގެ އުފާތަކާއި ހިތްހަމަޖެހުމުގެ ވާޞިތާއެވެ. ވީއިރު އަނބިމީހާއަށް ނުކުރި ތަޢުރީފެއް ކުރާނީ ދެން ފަހެ ކާކަށް ހެއްޔެވެ؟
ދިވެހި ރާއްޖޭގައި މިކަމަށް ދިރާސާ އެއް ކުރެވިފައި ނެތަސް ބޭރުގެ އެހެން ޤައުމުތަކުގައި މިފަދަ ކަންކަމަށް ދިރާސާ ތައް ކޮށްފައި އެބަ ހުއްޓެވެ. (ޖީޖީ އެންޑް ކެލީ 1992 ) ލިޔެފައިވެއެވެ. " 207 ފިރިހެނުންނާއި 230 އަންހެނުންގެ މެދުގައި ކުރެވުނު ދިރަސާ އަކުން އެނގިފައިވަނީ ލޯތްބާއި އަޅާލުމާއި އަގުވަޒަން ކުރުން ނެތުމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި އޮންނަ ގާތް ގުޅުން ކެނޑިގެން ދެއެވެ. އަދި ކައިވެނިތައް ރޫޅިގެން އާންމުކޮށް ރިޕޯޓް ކޮށްފައިވަނީ މި ސބަބަށްޓަކައެވެ. " ދިވެހިރާއްޖެއަކީވެސް ނިސްބަތުން ވަރި ގިނަ ޤައުމެކެވެ. ސަބަބު އެނގޭނީ ދިރާސާއެއް ކޮށްލުމުންނެވެ.
ހެރިސް އެންޑްވިލިއަމް (2005) ގެ ހޯދުމެއްގައި ވެއެވެ. " 29 އަހަރާއި 27 އަހަރާދެމެދެގުގެ އަލަށް ކައިވެނި ކުރެވުނު ފަރާތް ތަކުގެ މެދުގައި ކުރެވުނު ދިރަސާއެއް ދައްކައެވެ. 1010 މީހުން ބުނާ ގޮތުގައި ބައިވެރިޔާ ކުރާ ކަންކަމުގެ އަގުވަޒަން ކުރުމަކީ ޒަވާޖީ ޙަޔާތެއްގައި އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެކެވެ. "
އެހެންކަމުން ދިރާސާ ތަކުން ދައްކަނީ އެންމެ އުފަލުގައި އުޅޭ ދެމަ ފިރިންނަކީ އެކަކު އަނެކަކަށް ތަޢުރީފު ކުރުން ގިނަ ދެމަ ފިރިންނެވެ. ކުރާ ކަންތަކުގެ އަގު ވަޒަން ކުރުމަކީ ކޮންމެ ގުޅުމެއްވެސް ދެމެހެއޓުމުގެ އެންމެ ބޮޑު ބާރެވެ. ވީއިރު މި މުޖުތަމަޢު މިވަނީ އެކަކު އަނެކަކަށް ތަޢިރީފު ކުރަން ދަސްކުރަންވެފައެވެ. އެކެއްގެ އިޙުސާސްތައް އަނެކާ ދެނެގަންނަން ބޭނުންވެފައެވެ. ޒަވާޖީ ޙަޔާތް އުފަލުގައި ކަޑަތު ކުރުމަށްޓަކައެވެ. ވަރީގެ ޢަދަދު މަދުކުރުމަށްޓަކައެވެ.