ނޭޕާލްގައި އިންޑިއާ ސަރުކާރުގެ އެހީގައި އަޅާ 66 ވަނަ ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އިންޑިއާއިން ވަނީ ނޭޕާލްގެ ތަޢްލީމީ ދާއިރާގެ ކޮންސްތްރަކްޝަން މަސައްކަތަށް ހިލޭ އެހީ ދީފައެވެ. އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި ނޭޕާލްގެ 8 ޑިސްތްރިކްޓެއްގައި ޖުމުލަ 50 މިލިއަން ޑޮލަރުގެ ގްރާންޓަކުން، 71 ތަޢުލީމީ މުއައްސަސާއެއް އިމާރާތް ކުރުމަށް ނިންމާފައި ވެއެވެ.

މީގެ އިތުރުން މީގެ ކުރިން އިންޑިއާއިން ވަނީ ސިއްޙީ ދާއިރާއާއި ސަގާފީ މަރުކަޒުތައް މަރާތު ކުރުމަށާއި ބޯހިޔާވަހި ކަމަށް 200 މިލިއަން ޑޮލަރު ދީފައެވެ.

އަލަށް ހަދާ ސްކޫލަކީ، ނޭޕާލް ސަރުކާރުގެ ބެލުމުގެ ދަށުން، ބިން ހެލުމާ ގުޅޭ މިންގަނޑުތަކަށް ފައްތައިގެން ނޭޕާލް ސަރުކާރުން އިމާރާތް ކުރާނެ ތަނެކެވެ. މި ސްކޫލު ނިމޭއިރު، 13 ކިލާސް ރޫމާއި އިދާރީ ބަޔަކާއި ލައިބްރައީއާއި އެހެނިހެން އާންމު ފައިދާއަށް ބޭނުންވާ ފަސޭހަތައްވެސް ހިމެނިފައި ވާނެއެވެ.

މީގެ އިތުރުން ސިއްޙީ ދާއިރާގައި އިމާރާތް ކުރުމުގެ މަސައްކަތުގެ ތެރޭގައި 147 ބިލްޑިންގ އެއްގެ މަސައްކަތާއި ސަގާފީ ތަރިކަ ރައްކާތެރި ކުރުމުގެ 28 މަޝްރޫއެއްގެ މަސައްކަތް ހިމެނެއެވެ. މައިގަނޑު ގޮތެއްގައި މި މަސައްކަތްތަ ކުރެވެނީ، 2015ގެ ބިން ހެލުމުން ގެއްލުން ލިބިފައިވާ ސަރަހައްދު ތަކުގައެވެ.