މިއީ އުމުރުން 24 އަހަރުގެ ލައިސާއެވެ. އޭބނާގެ އަބަދުވެސް ހުވަފެނަކީ، އަރަބި އަތުލިޔުމުގެ ދާއިރާއިން ހުނަރުވެރިއަކަށް ވާށެވެ. ލައިސާ ބީބީ އަކީ، ބެންގަލޯރގައި އިންޖިއަރިންގ ގެ ދާއިރާއިން އެންމެ ފަހަރު ކިޔަވަމުންދާ ދަރިވަރަކެވެ.
"އަހަރެންގެ އަބަދުވެސް ހުވަފެނަކީ، އަމިއްލަ އަތުން ކީރިތި ޤުރުއާންގެ އެއްކޮޅުން އަނެއްކޮޅަށް ލިޔުން. އަހަރެން އަރަބި ލިޔަން ފެށިފަހުން އިންޖިއަނިންގ ކުރެހުމުގައިވެސް ވަރަށް ފަންނުވެރި މީހަކަށް ވެއްޖެ" ލައިސާ ކިޔައި ދެއެވެ.
އަރަބި އަތުލިޔުން ދަސްކުރުމަށް ލައިސާ ފެށީ 2016 ވަނަ އަހަރުއެވެ. އޭނާ އަތުލިޔުން ކިޔަވަމުން ދަނީ، ބެންގަލޯރ ގެ ރިޗްމަންޑް ސްޓްރީޓްގައި ހުންނަ އިންސްޓިއުޓް އޮފް އިންޑޯ އިސްލާމިކް އާރޓް އެންޑް ކަލްޗަރ ގައެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި ލައިސާ ވަނީ "ޘުލުޘު" ލިޔުން ދަސްކޮށްފައެވެ. ޘުލުޘަކީ ލިޔަން އުނދަގޫ ވައްތަރެއްގެ ފޮންޓެކެވެ. ކީރިތި ޤުރުއާން ލިޔެފައި ހުންނަނީ ނަސްޚް ލިޔުމުން ނެވެ.
ލައިސާގެ އަތު ލިޔުން ވަނީ އިންޓަރނޭޝަނަލް އެގްޒިބިޝަންތަކުގައި ދައްކާލާފައެވެ. ކީރިތި ޤުރުއާންގެ އާޔަތްތައް ލިޔެ އޭނާ ބައިވެރިވެފައިވާ މަޢްރަޒް ތަކުގެ ތެރޭގައި ޖަޕާނާއި ޔޫއޭއީގެ މައްރަޒްތައް ހިމެނެއެވެ.
ލޮރީ ޑްރައިވަރެއްގެ ދަރިފުޅު، ލައިސާ ބުނާ ގޮތުން އަރަބި އަތުލިޔުމުގައި ހުނަރުވެރިއަކަށް ވުމަކީ، އޭނާއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
އޭނާ ކިޔަވާ އިންސްޓިއުޓްގައި ލިޔުމަށް ބޭނުން ކުރަނީ އޮނު ގަލަމެވެ. އަދި ދެއްޔަށް ބޭނުންކުރަނީ އެންމެ ބޯދާ ޒަމާނެކޭ އެއްގޮތަށް ސިލްކު ރޮދި އަޅާފައި ހުންނަ އަމިއްލައަށް ތައްޔާރުކުރާ ދަވާދެވެ.
މިއިންސްޓިއުޓްގެ ޕްރިންސިޕަލަކީ، މުޤްތާރު އަޙުމަދެވެ. އޭނާއަކީ، އޯއައިސީން ތުރުކީގައި ބިނާކޮށްފައިވާ ރިސަރޗް ސެންތަރ ފޯރ އިސްލާމިކް ހިސްޓްރީ، އަރޓް އެންޑް ކަލްޗަރއިން ދަސްވެނިވެފައިވާ މީހެކެވެ. މި އިންސްޓިއުޓުން އަރަބި އަތުލިޔުމުން މާސްޓަރ ޑިޕްލޮމާ ނަގާފައިވާ ހަމައެކަނި މީހަކީވެސް މުޤްތާރު އަޙުމަދެވެ.
އޭނާ ހިންގާ ކޯސްތަކުގައި މިއަދާ ހަމައަށް 500 އެއްހާ ދަރިވަރުން ބައިވެރި ވެފައި ވެއެވެ. ކޮމްޕިއުޓަރު އައުމުގެ ކުރިން ނޫސްތަކުގެ ސްޓެންސިލް އަތުން ލިޔެގެން ނެރުނު ޒަމާނުގައި މުޤްތާރަކީ، އުރުދޫ ނޫހެއް ލިޔެދިން މީހެކެވެ. އެއަށްފަހު އަރަބި އަތުލިޔުމަށް ހިތްޖެހިގެން އެރޮނގުން ކުރިއަށް ދިއުމަށް އޭނާ ނިންމީއެވެ.
އޭނާ އެންމެ ފުރަތަމަ ލިޔުން ދަސްކުރީ ވޮޝިންޓަންގައި ހުރި ސޫރިޔާ ދަރިކޮޅުގެ މީހަކު މެދުވެރިކޮށް ޕޯސްޓްގެ ޒަރީއާއިންނެވެ. އެއަށްފަހު އޭނާއަށް ތުރުކީ އިންސްޓިއުޓުން ސްކޯލަރޝިޕެއް ލިބުނީއެވެ.
އަދި އޭނާގެ ކޯހުގެ ޝަރުތެއްގެ ގޮތުގައި ވެގެން އެހެން މީހުންނަށް އޭނާ ކިޔަވައި ދޭން ފެށުމުން އެކަން މުސްލިމް ރިއަލް ސްޓޭޓް ޑިވެލޮޕަރއަކަށް އެނގިގެން އެމީހާ އޭނާއަށް އިންސްޓިއުޓެއް ބިނާކޮށްދިނީ އެވެ.