ތިބާ، ސައިކަލުގައި ބްރިޖަށް އަރަން ދަނިކޮށް ނުވެސް ދަންނަ މީހަކު، ސައިލަކު މަޑުކުރުވާފަ ބުރިޖު މައްޗަށް ތެޔޮ އެޅިފައިވާ ކަމަށާއި ކައްސައިލުން ފަދަ ނުރައްކަލެއް އުޅޭ ކަމަށް ބުނެފިނަމަ ތިބާ ފަރުވާތެރި ނުވާނަން ހެއްޔެވެ؟

އެމީހާއަކީ، ކާކުކަން ތިބާއަކަށް ނޭނގެއެވެ. އެކަމަކުވެސް ތިބާ އެވާހަކައަށް ބަރޯސާވެ، ރައްކާތެރިވާން ބޭނުންވާނެއެވެ. ނުރައްކަލަށް ހުށެހެޅެން ބޭނުންވާނީ ކާކު ހެއްޔެވެ؟

އެއީ، ކިހާވަރެއްގެ ތެދުވެރިއެއްތޯ ތިބާ ބަލާކަށް ބޭނުމެއް ނުވާނެއެވެ. އަދި އެ ރާސްތާއިން ކޮންމެހެންވެސް ދާން ޖެހެނީނަމަ، އޭނާ އެ ދިން އިންޒާރަށް ފަރުވާ ތެރިވެ، ބަލައިގެން ގެއްލުމެއް ނުވާ ގޮތަށް، ތިބާ ދުއްވާނެއެވެ.

ޚާލިޤު ވަންތަ އިލާހު، ތިބާއާއި އަހަރެންނާއި ދެން ތިބި އެންމެނަށްވެސް އިންޒާރު ދެއްވާ ބޭކަލެއް ކަމުގައި އެންމެ މާތް ޚުލްޤުގެ ވެރިޔާ ސަލާމާއި ސަލަވާތް ލެއްވި މުޙައްމަދު ނަބިއްޔާ ފޮނުއްވިއެވެ. ހެޔޮކޮށް އުޅުމަށާއި ނަރަކައިން ސަލާމަތް ވުމަށް ކުރަން ޖެހޭ ކަންތައްތައް ތިބާއަށް ވެސް އެންގެވިއެވެ. ރައްކާތެރިވުމަށް އިރުޝާދު ދެއްވިއެވެ. އެކަމަކު އެ ތެދުވެރި ސާޙިބާގެ އިންޒާރަށް އަހަރަމެން ފަރުވާތެރިވަމު ހެއްޔެވެ؟

وما أرسلناك إلا مبشرا ونذيرا

"އުފާވެރި ޚަބަރު ދެއްވާ ބޭކަލެއް ކަމުގައްޔާއި އަދި އިންޒާރު ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަން ރަސްކަލާނގެ އެކަލޭގެފާނު ނުފޮނުއްވަމެވެ." (އަލްފުރުޤާން 56)

އެހެންވީރު، އިންޒާރުތަކަށް ސަމާލު ނުވެ، ތިބާއާއި އަހުރެން، އަމިއްލަ އެދުމުގައި، ނަހީކުރެއްވި ކަންތައްތަކަށް ފަރުވާލެއް ނުބަހައްޓައި ރިސްކުތައް ނަގައިގެން އުމުރު ފަނާކޮށްލަނީ ކީއްވެގެން ހެއްޔެވެ؟

ޙިސާބު ބެލެވޭ އެދުވަހަކުން، "ނޭނގުނީ!" ނޫނީ "އޯއް! ސޮރީ! ހަނދާން ނެތުނީ" ފަދަ އުޒުރަކުން ފައިދާއެއް ނުކުރާނެއެވެ.

ޤިޔާމަތް ދުވަހުން، ތިބާއަށް "މިކަމާ މެދު ޣާފިލު ވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން ތިމަން ވީމުއޭ" (އަލްއަޢުރާފް 172) ބުނެ، ސަލާމަތެއް ނުވެވޭނެއެވެ.

ތިބާއާއި އަހުރެންވެސް އެދުވަހަކުން ދަތުރު ގޮސްފައި ތިބޭނީ އެއްކޮޅުގެ ޓިކެޓެއް ގައެވެ. އެނބުރި ދެވޭނެ ގޮތެއް ނެތެވެ. ދާނެ ތަނެއްވެސް ނޯންނާނެވެ. އެކަމަކު ވެސް އަހުރެންވެސް ތިބާވެސް އެދި ގޮވާނެއެވެ.

رَبِّ ارْجِعُونِ (99) لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ ۚ

"ތިމަން އަޅާ (ދުނިޔޭގެ ޙަޔާތަށް) އަލުން އަނބުރައި ފޮނުއްވާ ދޭނވެ! (އެއީ) ތިމަން ފަހަތަށް ދޫކުޅަ ކަންތަކުގައި ސާލިޙު ޢަމަލު ކުރުމުގެ އެދުމުގައެވެ." (އަލްމުއުމިނޫން 99-100)

މިތީ ތިބާއާއި އަހުރެން ކުރާނެ އިލްތިމާސެވެ! ޖަވާބުވެސް ވަގުތުން ލިބޭނެއެވެ.

"ހަމަ ހިލާ އެހެނަކުން ނުވާނެއެވެ!" (އަލްމުއުމިނޫން 100)

ބޯޅަ ކުޅެ މޮޅަށް ގޯލު ޖެހުމަށް ވަރުހުރި ޖާނަކާއި، ފުއްޕާ މޭ ފުރެންދެން ދުން ބޯކޮށް، ބޭރުކޮށްލާ ފަދަ ސިއްޙަތެއް ދެއްވާފައިވާ އިރުވެސް ހަމަ ވިސްނުމެއް ފިކުރެއް ނެތި ދަނީ ހެއްޔެވެ؟

"أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ."

"ތިމަން ރަސްކަލާނގެ ތިޔަބައި މީހުންގެ ޢުމުރު ނުދަންމަވަން ހެއްޔެވެ؟ އަދި އިންޒާރު ކުރައްވާ ބޭކަލަކު ތިޔަބައި މީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ތިޔަ ބައި މީހުން (އަޛާބުގެ) ރަހަ ލިބިގަންނާށެވެ. ފަހެ، އަނިޔާވެރިންނަށް ނަސްރު ދޭނެ އެއްވެސް މީހަކު ނުވެއެވެ." (ފާޠިރު 36)

ދެން ކުރާނީ ކީއް ހެއްޔެވެ؟ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީއެވެ!

ނޫން! އަދިވެސް ފުރުސަތެއް އެބަ އޮތެވެ! ވިސްނުންތެރި މީހަކަށް ވާށެވެ.

މިސްކިތު ކައިރީ ކޮފީ ޝޮޕްގައި އިންދައި، ޚާލިޤުވަންތަ ރަސްކަލާނގެ ޙަޟުރަތަށް އެނބުރި ދިއުމަށް ގޮވާލެވޭ ހިނދު ކޮފީތަށި ބަހައްޓާފައި ދިއުމުގެ ހިތްވަރު ހުރި މީހެއް ކަމުގައިވާށެވެ.

އެއިރުން އަޕްލޯޑް ކުރެވިފައިވާ ފައިލް ހުޅުވައި ހިސާބު ބެލެވޭ ހިނދު މާކްސް އިތުވެފައި ހުރިތަން ފެންނާނެއެވެ.

ކިބުރުވެރި ވެގެން، ބަންގި ނީވޭ ކަމަށް ނުހަދާށެވެ!

"مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً، وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ."

"މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިން ވިއަސް، ނުވަތަ އަންހެނުންގެ ތެރެއިންވިއަސް، ސާލިޙު ޢަމަލެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަން ރަސްކަލާނގެ ދެއްވާ ހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮ ގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަން ރަސްކަލާނގެ ޖަޒާ ދެއްވާ ހުށީމެވެ." (އައްނަޙްލު 97)

ފިއުޗަރ ސްމާޓް މީހަކަށް ވެގެން ހެޔޮ ޢަމަލުތައް ގިނަ ކުރެވޭތޯ ބަލާށެވެ!