ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިޢުލާނެއް ކުރައްވައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ އެ ކޮމިޝަނުގެ ދެ މެންބަރުން އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، އެ ހުސްވެފައިވާ ދެ މަޤާމަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައެވެ.
މި ފުރުޞަތު ހުޅުވިފައި އޮންނާނީ މިއަދުން ފެށިގެން 16 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައިވާ ގޮތުން، ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި، ދިވެހި ރައްޔިތަކު ކަމުގައިވުމާއި، އުމުރުން 25 އަހަރު ވެފައިވުން ހިމެނެއެވެ.
މީގެ އިތުރުން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށެއް ނުވަތަ މަކަރާއި ޙީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ލާޒިމުކުރެއެވެ.