ޝިންޖިއާންގައި ޗައިނާއިން ހިންގަމުން ގެންދާ އަމަލުތަކާ ހެދި ހުޅަނގުން ޗައިނާ ކުށްވެރިކުރުމުން ޗައިނާއިން ވަނީ މީޑިއާ ރިޕޯޓްތަކަށް ރައްދު ދޭން ފަށާފައެވެ. ޗައިނާއން ވަނީ ޗައިނާއާ ދެކޮޅަށް ވާހަކަ ދައްކާ އުއިގޫރު މީހުން ވަކިވަކިން ފާހަގަ ކޮށް އެމީހުންނާ ދެކޮޅަށް މީޑިއާގައި ކެމްޕޭނެއް ފަށާފައެވެ.

ޗައިނާއިން ދީފައިވާ ރައްދުގައި މީސްމީހުންގެ ޒާތީ މަޢްލޫމާތުކަމުގައިވާ ބޭސްފަރުވާގެ މަޢްލޫމާތުވެސް ބޭޒާރު ކުރަން ފަށާފައި ވެއެވެ. ހުޅަނގުގެ މުހައްލިލުން ބުނާ ގޮތުގައި މިއިން ފެނިގެން ދަނީ ޗައިނާގެ ނުތަނަސްކަމެވެ.

ޗައިނާ ބަދުނާމުކޮށް ހުޅަނގު މީޑިއާއަށް މަޢްލޫމާތު ދިން އެއް އަންހެނަކާ މެދު ޗައިނާއިން ބުނެފައިވަނީ އޭނާ އަކީ ބަދުއަޚުލާގީ އަމަލު ހިންގާ ހަމަނުޖެހޭ ދިރިއުޅެއް އުޅޭ މީހެއްކަމަށް އޭނާގެ އަވަށްޓެރިންވެސް ބުނެފައިވާ ކަމަށެވެ. އަދި އަނެއް އަންހެނަކާ މެދު ބުނެފައި ވަނީ އޭނާއަކީ ޖިންސީ ގޮތުން ގައިން ގަޔަށް އަރާ ބަލި ހުންނަ މީހެއްކަމަށެވެ.

ޝިންޖިއާންގެ ކޮމިއުނިސްޓް ޕާޓީގެ ޕްރޮޕެގެންޑާ އާ ބެހޭ އިދާރާގެ ވެރިޔާ ޝޫ ގުއިޝިއާންގ ބުނެފައި ވަނީ މީޑިއާގެ މުޑުދާރ އަމަލުތަކާ ކުރިމަތިލުމަށް މިހާރު ސީރިއަސް ސިލްސިލާ ފިޔަވަޅުތަކެއް ފަށާފައިވާ ކަމަށެވެ.

އަނެއް ކޮޅުން ރޮއެޓަރޒް އިން ވަނީ އެތައް ގަޑި އިރެއްގެ ޕްރެޒެންޓޭޝަންގައި ޝިންޖިއާންގައި ހިނގަމުންދާ ކަންތައްތަކާއި މީހުންގެ އަމިއްލަ ތަޖުރިބާތައް ގެނެސްދީފައެވެ. މިއިން ޗައިނާއަށް ހީވެފައި ވަނީ ޗައިނާއަށް މިކަމުގައި ކޮންޓްރޯލް ގެއްލެމުންދާ ހެންނެވެ.

ޖޯރޖްތައުން ޔުނިވަރސިޓީގެ ޕްރޮފެސަރ ޖޭމްސް މިލްވަރޑް ވިދާޅުވަނީ، ޗައިނާއިން ޓެރަރިޒަމާ ދެކޮޅަށް ޗިންޖިއާންގައި މަސައްކަތް ކުރާ ކަމަށް ބުނާއިރު މިއަންހެނުންގެ ވާހަކަތަކުން ޗައިނާއިން ކުރާކަމަށް ބުނާ މަސައްކަތުގެ ދެކޮޅެއް ނުޖެހޭކަން ހާމަވެއެވެ. އަދި އެތައް އަންހެނުންނެއް ކޭމްޕްތަކުގައި ތިބޭ އިރު، ބަލާ ބެލުމަށް މިއިން މީހަކީ، އެއްގޮތަކަށްވެސް ޓެރަރިޒަމާ ގުޅުން ހުރި މީހެއް ހެނެއް ހިއެއް ނުވެއެވެ.

ޗައިނާއިން ޝިންޖިއާންގައި ހަދާފައިވާ ކޭމްޕްތަކުގައި މިލިއަނެއްހާ މުސްލިމުން ބަންދުކޯށްގެން ގެންގުޅޭކަމަށް އދއާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި މިތަންތާގައި ގަދަކަމުން އަންހެނުން ދަރިމައި ނުވާ ގޮތް ހެދުމާއި އަނިޔާ ކުރުމާއި ރޭޕްކުރުމުމާއި ގަދަކަމުން އެމީހުން ލައްވައި މަސައްކަތް ކުރުވުންފަދަ ކަންކަން ޗައިނާއން ކުރާ ކަމަށް ތުހުމަތު ކުރެވެއެވެ.

އެމެރިކާގެ ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުގެ މަސްއޫލުވެރިންވެސް އެއްބަސްވަނީ ޗައިނާއިން ޗިންޖިއާންގައި ޖެނޮސައިޑް ހިންގާ ކަމަށެވެ. ކެނެޑާ ޕާލަމެންޓާއި ޑަޗް ޕާލަމެންޓުންވެސް ވަނީ ދާދި ފަހުން މިގޮތަށް ނިންމާފައެވެ.

ޗައިނާއިން މުސްލކިމުންނާ ދެކޮޅަށް ހިންގަނީ ގަތުލުއާންމެއް

ކެނެޑާ: މުސްލިމުންނާ ދެކޮޅަށް ހިންގަނީ ގަތުލުއާންމެއް

ޗައިނާއިން ބާއްވާ ބެއިޖިންގ އޮލިމްޕިކް ގައި ބައިވެރި ނުވުމަށް ގޮވާލާ ގޮވެލިވެސް ދަނީ ގަދަވަމުންނެވެ. އެމެރިކައިން ވަނީ ޝިންޖިއާން ގައި އުފައްދާ ކަފައާއި ބެޓެރި ނުގަތުމަށް ނިންމާފައެވެ.

މިނިވަން ފަރާތަކުން ޝިންޖިއާން ގައި ހިނގަމުންދާ ކަންކަން ބެލުމަށް ވަނުމަށް ހުއްދަ ދިނުމަށް އދން ގޮވާލާފައިވާ ގޮވާލުމަށްވެސް ޗައިނާއިން އިޖާބަ ދީފައެއް ނުވެއެވެ. ޗައިނާއިން ބުނާ ގޮތުގައި ޝިންޖިއާން ގައި ހިންގަނީ ތަމްރީނު ދިނުމުގެ މަސައްކަތެވެ. އަދި އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ދައްކާ ވާހަކަތަކަކީ ހޮޅިވާހަކަތަކެއް ކަމަށެވެ.

ޝިންޖިއާންއާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް ރައްދު ދިނުމަށް ޗައިނާއިން ބާއްވާ މީޑިއާ ބައްދަލުވުންތަކަށް ދައުވަތު ދޭއިރު އެއް ދުވަސް ދެ ދުވަސް ކުރިން ނޫސްތަކުން ސުއާލުތައް ފޮނުވަން ޖެހެއެވެ. އަދި އެއާ ގުޅިގެން ދައްކާ ވީޑިއޯތަކަކީ، ރެކޯޑް ކޮށްފައިވާ އެކި މީސްމީހުން އެމީހުންގެ ތަޖުރިބާ ތަކާ ބެހޭ ގޮތުން ކިޔައި ދީފައިވާ ވީޑިއޯ ތަކެވެ.

ޖެނުއަރީ މަހު، އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީގެ އެކައުންޓް ޓުއިޓާއިން ސަސްޕެންޑް ކުރިއެވެ. މިއެކައުން ޓުން ބުނެފައިވަނީ ޝިންޖިއާންގެ މުސްލިމު އަންހެނުންނަނީ "ދަރިން ވިހާ ފެކްޓްރީތަކެއް" ކަމަށެވެ.