ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގައި އެކައުންޓް ހުޅުވާފައިވާ މަސްދޯނިތަކަށް، މާދަމާ (ޑިސެމްބަރ 10، 2024) އިން ފަށައިގެން، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާވާނެކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
މިއީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސް މިކަން އިއުލާން ކުރެއްވީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކ. ގާފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި މަސްވެރިންނަށް ދައްކަން ޖެހިފައި އޮތް 38 މިލިއަން ރުފިޔާ، މިއަދު ހެނދުނުގެ ވަގުތެއްގައި ދައްކައި ހަލާސް ކުރެވިފައިވާކަމުގައި ވިދާޅުވެފައެވެ. އެގޮތުން، ބީ.އެމް.އެލްގައި އެކައުންޓް ހުޅުވާފައިވާ 196 ބޭފުޅަކަށް 32.4 މިލިއަން ރުފިޔާ، އަދި، އެމް.އައި.ބީގައި އެކައުންޓް ހުޅުވާފައިވާ 20 އޮޑިވެރިއަކަށް 5.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއާއެކު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް ނިމުނީ ކަމަށާ، ކުރިއަށް އޮތް ތަނުގައި އެފަދަ ބެކްލޮގެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ހަމަ މި ފަދައިން، އެމަނިކުފާނު ވަނީ، މަސްވެރިންނަށް ކުރިމަތިވެފައިވާ ތެލުގެ ދަތިކަމަށްވެސް ހައްލު ހޯއްދަވައި ދެއްވައި، އެކަންވެސް އިޢުލާންކުރައްވާފައެވެ. އެގޮތުން، މި އަހަރު މަސްވެރިންގެ ދުވަސް ކަމުގައި ވާ ޑިސެމްބަރ 10، 2024 ވަނަ ދުވަހުން ފަށައިގެން، 4 ރަށެއްގައި ހުންނަ އެސް.ޓީ.އޯ ނުވަތަ އެފް.އެސް.އެމް ސައިޓްތަކުން "އެސްޓީއޯ ރޭޓް"ގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފައެވެ. އެއީ ކ. ހިންމަފުށި، ގއ. ކޫއްޑޫ، ޅ.ފެލިވަރު އަދި ސ. ހުޅުމީދޫއެވެ. އަދި ގއ. ކޫއްޑޫ، އަދި ޅ.ފެލިވަރު ސަރަހައްދުގައި ހަރަކާތްތެރިވާ މިފްކޯގެ ބޯޓުފަހަރުންވެސް "އެސްޓީއޯ ރޭޓް"ގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް އެސް.ޓީ.އޯއިން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ގާފަރު ސްކޫލުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަސްވެރިންނަށް އިތުރު ހަބަރެއްވެސް ދެއްވާފައެވެ. އެގޮތުން އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އޮންނަ އިނާޔަތްތައް މަސްވެރިންނަށްވެސް ފަހިވުމަކީ މަސްވެރިން އެދި ތިބި ކަމަކަށްވާއިރު، އަދުގެ ސަރުކާރުން އެކުލަވާލެއްވި މަސްވެރިންގެ ދަފުތަރަށް ގާނޫނީ ހައިސިއްޔަތު ދެވިގެން ދާނެ ކަމުގެ ފެހި ސިގުނަލް، އެ މަނިކުފާނު ވަނީ ދެއްވާފައެވެ. މި ހަފުތާގެ ބުރާސްފަތި ދުވަހު، މަސްވެރިންގެ ދަފުތަރާ ބެހޭ ގަވާއިދު ގެޒެޓް ކުރައްވާނެ ކަމަށާއި، އެހާ ހިސާބުން، އެހެން ދާއިރާތަކުގެ މަސައްކަތްތެރިންނަށް ބީ.އެމް.އެލް، އެމް.އައި.ބީ އަދި އެސް.ޓީ.އޯއިން ދޭ އިނާޔަތުގެ ސްކީމްތަކުގައި ބައިވެރިވުމުގެ ފުރުސަތު، ދަފުތަރުވެފައިވާ މަސްވެރިންނަށްވެސް ހުޅުވިގެންދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް ކުރިއެރުވުމުގެ މަސައްކަތްތައް ކުރިއަށް ދަނީ އިސްތިރާޖީ ވިސްނުމުގެ ތެރެއިންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ވީހާވެސް ލާމަރުކަޒީ އުސޫލަކުން ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، އައިސްޕްލާންޓްތައް ހިންގުމުގެ ކޮންޓްރޯލް، މަސްވެރިން އެދޭނަމަ ކައުންސިލްތަކާ ހަވާލު ކުރައްވަން ތައްޔާރަށް ހުންނެވިކަންވެސް ރައީސް ވަނީ ހާމަ ކުރައްވާފައެވެ. މީގެއިތުރުން، މަސްވެރިން ބާނާ މަހުގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް މިހާރުވެސް ފެށިފައި ވާ ކަމަށާ، އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް އެކަންކަން ކުރިއަށް ދާނެ ކަމަށާއި، މަސް ބަންދުކުރުމުގެ މަސައްކަތްވެސް މި ބީދައިން ހިނގާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތް މި ރާއްޖޭގައި އިންތިހާއަށް ފުޅާވެ، އިގްތިސާދީ ޒޯނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ބޮޑު ހިއްސާއެއް އޮތް ސިނާއަތަކީވެސް މަސްވެރިކަމުގެ ސިނާއަތް ކަމަށް ވުމަކީ ކުރައްވާ އުންމީދެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.