އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ދެއްކުމަށްފަހު މުދާ ޑެލިވަރީ ނުކޮށްދޭ މައްސަލަތައް އިތުރުވަމުންދާތީ، މިކަމުގައި ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިފަދަ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ޚާއްޞަކޮށް ފޭސްބުކްގައި ހިންގާ "ހޯމް އާޓް ފަރުނީޗަރ" ނަމަކަށް ކިޔާ ޕޭޖަކާ ގުޅޭ ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހުށަހެޅެމުންދާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

އޮންލައިންކޮށް މުދާ ގަންނައިރު މުދާ އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކެވުމަށާއި 'ހޯމް އާޓް ފަރުނީޗަރ' ޕޭޖުން މުދާ ގަތުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވާފައިވެއެވެ.

މީގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރާނަމަ، އެ ވިޔަފާރިއެއްގެ ޞައްޙަކަން ކަށަވަރުކުރުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. އަދި މިފަދަ ފްރޯޑް މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރުމަށް ވެސް އެދިފައިވެއެވެ.

ފާއިތުވި މަސްތަކުގައި މަކަރާއި ހީލަތުގެ މައްސަލަތަކުގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މީގެ ތެރޭގައި އެކި އިދާރާތަކުގެ ނަމުގައި ގުޅައިގެންނާއި މެސެޖު ކޮށްގެން ހިންގާ ސްކޭމްތަކާއި، އެހެނިހެން ފްރޯޑް މައްސަލަތައް ހިމެނެއެވެ.