ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މާލެއަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހަވީރު މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުން ވަނީ މުޅި އަތޮޅުގެ ތަރައްގީއަށް އެންމެ ބޭނުންވާކަންކަމާއި އަތޮޅުގެ ވަކި ވަކި ރަށްރަށަށް ބޭނުންވާކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކ. އަތޮޅަކީ ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުންދާ އަތޮޅަކަށްވާތީ އަތޮޅުގެ ރަށްތަކުގައި ސިއްހީ ދާއިރާ އިތުރަށް ތަރައްގީކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި އަތޮޅުގެ ބައެއް ރަށްތައް ގިރަމުންދާކަން ފާހަގަކުރައްވައި އެކަމަށް އަވަސް ހައްލެއް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް މުޅި އަތޮޅުގެ ފަތުރުވެރިކަން ކުރިއަރުވައި ފަރުމަސްވެރިކަން ކުރިއެރުވުމަށް ބޭނުންވާ ކަންކަން އަތޮޅު ކައުންސިލުން ހިއްސާކުރެއްވިއެވެ. އަދި މާފުށީގައި ހައްޖު ކޯޕަރޭޝަނުން ހިންގުމަށް ބޭނުންވާ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވިއެވެ.
މާލެއޮތުޅު ކައުންސިލުން ވަނީ މިސަރުކާރުގެ ވަޒީރުންނާ ވާހަކަދެއްކުމަށް ވަރަށް ފަސޭހަކަން ފާހަގަކުރައްވައި އެބޭފުޅުން ޒިންމާދާރުކަމާއެކު ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރައްވާކަން އުފަލާއެކު ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާލެ އަތޮޅުގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ބައްލަވާނެކަމުގައެވެ.