ހޮސްޕިޓަލުގެ ބިންގާ އެޅުން އަވަސްކޮށްދެއްވުމަށް މާލެއަތޮޅު ތުލުސްދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހުން އެދެފިއެވެ.

ތުލުސްދޫ ކައުންސިލުން މި ކަމަށް އެދިފައިވާ ވަނީ ރައީސް ޑރ. މުއިއްޒު، އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހަވީރު ހުރާ ކައުންސިލްގެ އިދާރާގައެވެ.

ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތައް ރައީސްއާ ހިއްސާކުރައްވައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ހޮސްޕިޓަލުގެ ބިންގާ އެޅުން އަވަސްކޮށްދެއްވުމަށާއި، މަގު ހެދުމަށް ބޭނުންވާކަމަށާއި، ޒުވާނުންނަށްޓަކައި ކުޅިވަރު ކުޅެވޭނެ މަގުފަހިކޮށްދެއްވުމަށާއި، ރަށުން ގޯތި ދިނުމަށް ސަރުކާރުން ހުއްދަދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ވޭސްޓް މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތް ކުރިއަށްގެންދާނެ މަގުފަހިކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާލެއަތޮޅު ތުލުސްދޫގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއިންވެސް ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ވީހާވެސް އަވަހަކަށް ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.