މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް ޚިދުމަތަތުގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދައިފައެވެ.
އެގޮތުން 2024 ވަނަ އަހަރުގެ މެއި މަހުން ނޮވެމްބަރު މަހާ ހަމައަށް، އެމްޕީއެލް އިން ވަނީ 1،034 ޓަނަށްވުރެ ގިނަ މުދާ އަދި 216 ޓީއީޔޫ (ވިހި ފޫޓުގެ ކޮންޓެއިނަރު) ޕްރޮސެސްކޮށްފައެވެ. މިއީ ދުނިޔޭގެ މުދާ އުފުލުމުގެ ވިއުގައިގައި ދިވެހިރާއްޖޭގެ އިތުރުވަމުންދާ ދައުރު ދައްކުވައިދޭ ކަމެކެވެ.
މި ކާމިޔާބީ ހޯދިފައިވަނީ އެރޮފްލޮޓް، ބްރިޓިޝް އެއަރވޭޒް، ކޮންޑޯރ، އެމިރޭޓްސް، ގަލްފް އެއަރ، ލުފްތަންޒާ، ޤަތަރު އެއަރވޭޒް، ޓަރކިޝް އެއަރލައިންސް، އަދި ނިއޯސް ފަދަ ގިނަ ބައިނަލްއަޤްވާމީ އެއަރލައިންތަކާއެކު ކުރެވުނު މަސައްކަތުންނެވެ. މުދާ އުފުލިފައިވަނީ އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ތުރުކީވިލާތް، އަދި ޔޫރަޕް، އޭޝިޔާ އަދި އެހެނިހެން ސަރަޙައްދުތަކުގެ އެކި ޤައުމުތަކަށެވެ.
އެމްޕީއެލްއިން މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އަދި ބައިނަލްއަޤްވާމީ އެއަރލައިންތަކާ ގުޅިގެން ތަޢާރަފުކުރި ކަނޑުން-ވައިގެ މަގަށް މުދާ އުފުލުމުގެ ޚިދުމަތުގައި، އެހެން ޤައުމުތަކުން މުދާ އިމްޕޯޓްކޮށް އެކި ޤައުމުތަކަށް އަލުން އެކްސްޕޯޓްކުރުން ހިމެނެއެވެ.
ކަނޑުން-ވައިގެ މަގަށް ޓްރާންސްޝިޕްމަންޓް ޚިދުމަތް ތަޢާރަފުކޮށްފައިވަނީ، ކަނޑު މަގުން މުދާ އުފުލުމަށް ހޭދަވާ މުއްދަތު ކުރުކޮށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. މި ހައިބްރިޑް މޮޑެލްގެ މަޤްޞަދަކީ ވިޔަފާރީގެ ދާއިރާގައި ހުރި ބޭނުންތައް ހަލުވިކަމާއެކު ފުއްދައިދިނުމެވެ.
މި ޚިދުމަތުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބޭނެ މައިގަނޑު ފައިދާއަކީ، އެކްސްޕޯޓް ކުރުމުގެ މަސައްކަތް އަވަސްކުރުމަށް އާންމުކޮށް ބޭރު ޤައުމުތަކުން ފޯރުކޮށްދޭ މި ޚިދުމަތުގެ ސަބަބުން އެކި ޤައުމުތަކަށް، ޚާއްޞަކޮށް ޔޫރަޕުގެ މަންޒިލްތަކަށް ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު އިތުރުވުމެވެ.