ކ. ދިއްފުށި ސުކޫލުން އޭލެވެލް ފެންވަރަށް ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އަރިހުން އެރަށު ކައުންސިލުން އެދެފިއެވެ.

ދިއްފުށި ކައުންސިލުން މިކަމަށް އެދިފައިވަނީ ރައީސް ޑރ. މުއިއްޒު މާލެއަތޮޅު ދިއްފުށި ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހަވީރު ހުރާ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވަނީ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި ރަށުގެ ސުކޫލުން އޭލެވެލް ފެންވަރަށް ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށާއި ސިއްހީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ދިއްފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއިން ވަނީ އެކި ޕްރޮގްރާމްތައް ހިންގުމަށް މަލްޓިޕާޕަސް ހޯލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާލެއަތޮޅު ދިއްފުށީގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައޫލޫމާތުތައް ހިއްސާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ބައްލަވާނެކަމަށެވެ. އަދި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާކުރައްވައިގެން ހައްލުކުރެވެންހުރިކަންކަން އެގޮތަށް ކުރިއަށްގެންދިއުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ