އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއުއެވެ.
މި ރަސްމިއްޔާތުގައި، ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިހުސާން، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އިންޑިއާގެ، ސަރުދާރު ވައްލަބައި ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރ އަމިތް ގަރޖް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އިސްވެރިންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން އިއްޒަތްތެރިން އަދި ދަސްވެނިވި ފުލުހުންގެ އާއިލާތަކުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި، ކޯހުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ތައުލީމީ ވަޒީރާއި ދާހިލީ ވަޒީރު އަދި ކޮމިޝަނަރ އޮފް ޕޮލިސްއެވެ.
މި އަހަރުގެ ޖުލައި މަހުގެ 21 އިން ޑިސެންބަރު 9 އަށް ކުރިއަށް ގެންދިޔަ 37 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ހަސަން ޝާމިލްއެވެ. ކޮމިޝަނަރ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު މި ދަރިވަރަށް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.
މީގެއިތުރުން ކޯހުން ދެވަނަ ދަރިވަރަކަށް ކޮންސްޓަބަލް މުޙައްމަދު އައިމަން ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް ޢަބްދުﷲ ޒިޔާން އަލީއެވެ. އަދި ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް މުޙައްމަދު އައިމަންއެވެ. ދެވަނަ ދަރިވަރަކަށް ސަރޖަންޓް ނަހުމާ ޢަބްދުﷲ ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް ހުސައިން އައިހަމްއެވެ.
އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ކޮންސްޓަބަލް ހަސަން ޝާމިލް ހޮވިފައިވާއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް އިބްރާހީމް އާޠިތިފް އަލީއެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް އިބްރާހީމް ނާސިރުއެވެ. އެންމެ މޮޅު ސްކޮޑަކަށް ހޮވިފައިވަނީ ރަންވިއްކާ ސްކޮޑެވެ. މި ސްކޮޑަށް ޝީލްޑް ހަވާލުކޮށްދެއްވީ ތައުލީމީ ވަޒީރުއެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.
ފުލުހުން ބުނީ މި ކޯހުގައި، ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގާއި އިންސާނީ ހައްގުތައް އަދި ދިވެހި ފުލުހުންގެ ހުދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
37 ވަނަ އަސާސީ ތަމްރީނު ކޯހުގައި 198 ފުލުހުން ބައިވެރިވެ 171 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ.