އާންމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓު ބިލުގެ ޖޫރިމަނާ މައާފުކުރަން ދީފައިވާ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ ކަަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން މިހެން ބުނެފައިވަނީ މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އާންމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މައާފުކޮށްދެއްވުމަށް ރައީސް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ނިންމެވުމާއެކު ޖޫރިމަނާއާއި ނުލާ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައި ވަނީ މިދިޔަ އޭޕްރިލް މަހުން ފެށިގެންނެވެ.
ސްޓެލްކޯއިން ބުނީ ޖޫރިމަނާ މާފުކޮށްދިނުމަށް ނިންމާފައި ވަނީ ހަމައެކަނި އާންމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ބިލުތަކުން (ޑޮމެސްޓިކް ކަސްޓަމަރުންނަށް)ކަމަށާއި އަދި ޖޫރިމަނާ މައާފުކުރެވޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ހަދާފައިވާ ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކަށް ކަމަށެވެ،
އަދި އެ ތާރީހުގެ ނިޔަލަށް ހަދާފައިވާ ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކުގެ ޕްރިންސިޕަލް އަދަދު (ޖޫރިމަނާއާއި ނުލާ ބާކީ އަދަދު) ދެއްކުމުން ޖޫރިމަނާ އެމުއްދަތާ ހަމައަށް ބިލަށް އަރާފައިވާ ޖޫރިމަނާ މައާފުކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން އެ ކުންފުނިން ބުނީ އެ މުއްދަތުގެ ބިލުތަކަށްވާ ފައިސާގެ އަދަދު މި މަހުގެ ނިޔަލަށް، ޖޫރިމަނާ އާ ނުލައި ދެއްކޭނެ އިންތިޒާމު އެ ކުންފުނިން ވަނީ ހަމަޖައްސާފައި ކަމަށާއި އެގޮތުން، ޖޫރިމަނާ އާ ނުލާ ބާކީ އަދަދު ދެއްކޭނެ ގޮތަށް ބިލުތަކަށް ވަގުތީ ގޮތުން އެޖަސްމެންޓެއް ހިމެނިފައިވާ ކަމަށެވެ.
އިތުރު މައުލޫމާތު ހޯދުމަށް، އެ ކުންފުނީގެ ހޮޓްލައިން 1545 ނުވަތަ [email protected] އަށް އީ-މެއިލް ކުރުމަށް ސްޓެލްކޯއިން ވަނީ އެދިފަ އެވެ.