ޒަޔަނިސްޓް އިޒްރޭލުން ސޫރިޔާއަށް ދެމުން އަންނަ ވައިގެ ހަމަލާތައް ތާރިހުގައިވެސް އިތުރުކޮށްފައި ނުވާ މިންވަރަށް އިތުރުކޮށްފިއެވެ.
އިޒްރޭލުން ރޭގެ ވަގުތެއްގައި ސޫރިޔާގެ ވެރިރަށް ދިމިޝްގަށް ދިން ވައިގެ ހަމަލާތަކަކީ ތާރިހުގައިވެސް އިޒްރޭލުން ސޫރިޔާއަށް ދިން އެންމެ ވަރުގަދަ ވައިގެ ހަމަލާތައްކަމަށް އަލްޖަޒީރާއިން ބުނެއެވެ. ހައްދުފަހަނައެޅި އިޒްރޭލުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ 3 އެއަރޕޯޓަކަށާއި އަސްކަރީ އިންފްރާސްޓްރަކްޗަރއަށެވެ. މީޑިޔާ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ވައިގެ ހަމަލާތައް ދިނުމުގައި އިޒްރޭލާއެކު އެމެރިކާވެސް ބައިވެރިވިއެވެ.
މީގެ ހައެއްކަ ދުވަސް ކުރިން ސޫރިޔާގެ އަނިޔާވެރި ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓި، އިދިކޮޅު ފަރާތްތަކުން ސޫރިޔާގެ ކޮންޓްރޯލް އަތުލިފަހުން އިޒްރޭލުން ވަނީ ގޯލާންގެ އުސްބިންތަކަށްވެސް ވެރިވެގެންފައެވެ. މިއީ 1974 ވަނަ އަހަރު އދ.އިން އެކުލަވާލާފައިވާ މުއާހަދާއާވެސް ހިލާފް ކަމެކެވެ.