ޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.
މިއީ، މިމަހު 2 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 56 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ބިލެކެވެ.
މި ބިލަށް ގެނެސްފައިވާ އިސްލާހުގެ މަގުސަދަކީ، ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާގުޅޭ އެނޫން ވެސް ހައްގު ތަކާގުޅޭ ކަންކަން އިތުރަށް ތަފްސީލުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާއާއި، ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާ ހިމެނޭގޮތުން ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލުކުރެވޭނެ ނުވަތަ ބޭނުންކުރެވޭނެ އިތުރު ހާލަތްތައް ކަނޑައެޅުމާއި، ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުމާއި، ކޮޕީރައިޓާގުޅޭ ހައްގުތައް ކަށަވަރުކުރުމުގައާއި އެނޫން ވެސް ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަށް ޓަކައި، ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
މި އިސްލާހަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ސަރަޙައްދުގައި އުފައްދާ އަދަބީ އަދި ފަންނާނީ އުފެއްދުންތަކާއި، ޕަރފޯމަންސްތަކާއި އަޑުގެ ރިކޯޑިންގތަކާއި، ބްރޯޑްކާސްޓްތައް ޙިމާޔަތްކުރެވޭނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ގާނޫނުގެ ދަށުން އުފެއްދުމެއް ޙިމާޔަތްކުރެވޭނީ، އެ އުފެއްދުމެއް ހުށަހަޅައިދޭގޮތް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަގުސަދަށް ބަލައިގެންނޫންކަމަށާއި، މި ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތްކުރެވޭނީ އެ އުފެއްދުމެއް އުފެއްދީތީވެ ކަމަށް ވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، މި އިސްލާހުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް ހައްގަކަށް އެއްވެސް ފަރާތަކުން އަރައިގެންފިނަމަ ނުވަތަ އެއިން ހައްގަކަށް އަރައިގަންނަން އެއްވެސް ފަރާތަކުން އުޅޭކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ހައްގު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ޓަކައި ކަމާބެހޭ ކޯޓެއްގައި ދައުވާކުރުމުގެ ހައްގު ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިގެންވާކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލު، ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން މި ގާނޫނު، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީހުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.