މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް، މިއަދު ރަސްމީ ދަތުރުފުޅެއްގައި އޮމާންއަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅަކީ އޮމާންގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢީދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި މަހުގެ 10 އިން 13 އަށް ކުރައްވާ މި ދަތުރުފުޅުގައި، ޑރ. ޚަލީލް އޮމާންގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ، ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވާނެއެވެ. އަދި ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް އޮމާން ސަރުކާރުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދު، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ އަދި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އޮމާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މަޞްލަޙަތު ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.