އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ 'އެޗުއާރު ފޯރަމް' މިއަދު ފަށައިފިއެވެ.

މި ފޯރަމްގެ މަޤްޞަދަކީ ހިއުމަން ރިސޯސަސްގެ ދާއިރާއިން ވުޒާރާގެ މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މުހިއްމު ކަންކަމާ މެދު މުވައްޒަފުންގެ ޕެނަލް ޑިސްކަޝަންތައް ބޭއްވުމެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މި ފޯރަމްގެ މުހިއްމުކަން ފާހަގަކުރައްވާ ކަމަށާއި، ފޯރަމްގެ ތެރެއިން މުވައްޒަފުންނަށް ފައިދާހުރި މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ވަޒީރުގެ ވާހަކަފުޅުގައި ޤުރުއާނުގެ އަލީގައި މުވައްޒަފުންނަށް ގިނަ ނަޞޭޙަތްތަކެއްވެސް ދެއްވިއެވެ.

މި ފޯރަމްގެ ތެރެއިން އެޗްއާރުގެ މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް މުވައްޒަފުންނަށް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްއަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހިއުމަން ރިސޯސް ސެކްޝަނުން އިންތިޒާމްކުރާ ފޯރަމްއެކެވެ.