އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމުގެ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢީލް ޙަމީދު އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ބ. ތުޅާދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ މިއަދު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ބ. ތުޅާދޫ ބަނދަރުގެ މަޝްރޫޢުއާ ގުޅޭގޮތުންނެވެ. މިގޮތުން، ބަނދަރު އާދަޔާ ޚިލާފަށް ތިލަވަމުންދާތީ، މިކަމުގެ ސަމާލުކަން މިނިސްޓްރީއަށް ގެނެސްދެއްވައި، މިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް އެދިވަޑައިގަތެވެ. އަދި ބަނދަރު ފުންކުރުމާ ގުޅޭ ޓެކްނިކަލް މަޢުލޫމާތު ކައުންސިލާ ޙިއްސާކުރެވުނެވެ.

މީގެއިތުރުން، ކައުންސިލުން މިވަގުތު ރަށުގައި ހިންގަމުންދާ އިތުރު ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ޚިޔާލުތައް މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢީލް ޙަމީދާ ޙިއްސާކުރެއްވިއެވެ.

މި ބައްދަލުވުމަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މިނިސްޓްރީއިން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މިފަދަ ބައްދަލުވުންތަކުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ޙައްލު ހޯދުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.