މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު މަސްވެރިންނާއި އޮޑިވެރިންނަށް އަމާޒުކޮށްގެން "އޮޑިވެރިޔާ ފޯރަމް" ގެ ނަމުގައި ޚާއްޞަ ފޯރަމްއެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު 8:30 އިން 11:30 އަށް ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ބޭއްވުނު މި ފޯރަމަކީ އެމްޓީސީސީގެ ޕާޓްނަރެއް ކަމުގައިވާ ޔަންމަރ އޭޝިއާއާ ގުޅިގެން ބޭއްވުނު ފޯރަމެކެވެ. މި ފޯރަމްގައި މަސްވެރިކަމުގެ ދާއިރާއާ ގުޅުންހުރި ފަރާތްތަކުން މުހިންމު މަޢުލޫމާތުތައް ހިއްސާކޮށްފައިވެއެވެ.

ފޯރަމްގެ މައިގަނޑު އެއް މަޤްޞަދަކީ މަސްވެރި އުޅަނދުފަހަރުގައި ބޭނުންކުރެވޭ އާރް.އެސް.ޑަބްލިއު (RSW) ރެފްރިޖަރޭޝަން ސިސްޓަމްގެ ބޭނުންތެރިކަމާއި މި ސިސްޓަމް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މި އައު ސިސްޓަމަކީ މަސްވެރިންގެ މަސް ފިނިކުރުމުގެ ދަތިކަން ޙައްލުކޮށްދޭނެ އައު ޓެކްނޮލޮޖީއެކެވެ.

އެމްޓީސީސީން ފާހަގަކުރި ގޮތުގައި މި އިންނޮވޭޓިވް ސިސްޓަމްގެ ސަބަބުން މަސްވެރިންނަށް އެމީހުންގެ މަސް ތާޒާކަމާއެކު ބެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން މަސްވެރިންގެ އާމްދަނީ އިތުރުވެ، އެމީހުންގެ ބުރަ މަސައްކަތުގެ އަގު ހިފެހެއްޓިގެންދާނެއެވެ.