ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ރާއްޖޭގެ ސައުތް ރީޖަންގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރަށުގެ ރައްޔިތުންނަށް ކަނެކްޓިވިޓީ އާއި އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ މެދު ނުކެނޑި ކުރަމުންނެވެ.

މިގޮތުން، ތ. ތިމަރަފުށި، ގއ. ކޮލަމާފުށި އަދި ގއ. ވިލިނގިލި ފޭސް 2 ގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި މިހާރު އެބަ ކުރިއައްދެއެވެ.

ތ. ތިމަރަފުށީގައި އާރްޑީސީއިން ދަނީ ސޯސަން މަގުގައި ހޮޅި އެޅުމުގެ މަސައްކަތާއި އެމަގުގައި މަގު ކޮނުމާއި މަގު އެއްވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ގއ. ކޮލަމާފުށި މަގުތައް ތަރައްޤީކުރުމުގެ ގޮތުން މިވަގުތު އެ ކުންފުނިން ދަނީ އެރަށު އަމީނީމަގުގައި ދުވާރުގެ މަސައްކަތާއި އެމަގުގެ ކީވޯލްގެ މަސައްކަތް ކުރަމުންނެވެ.

ގއ. ވިލިނގިއްޔަށް ބަލާލާއިރު، މިވަގުތު އާރްޑީސީއިން ދަނީ އެރަށު ވައިޖެހޭ މަގުގައި މަގު ކޮނުމާއި ބެކް ފިލިންގގެ މަސައްކަތްކުރަމުންނެވެ. އަދި އެރަށު ކުދެކަތިބެއްޔާ މަގުގައި ކޯނަރ ކާރބް ޖެހުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

އާރްޑީސީން އަންނަނީ މާލެގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް އެކި މަސައްކަތްތައްކޮށް މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންނެވެ.