ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ދަށުން ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ޒޯން ތިނެއްގައި ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށިފައިވަނީ ނ. ރ. ބ. އަދި ޅ އަތޮޅުގެ ރަށްތަކުގެ ސްޕޯޓްސް ކައުންސިލަރުންނާއި، ޔޫތު އެސޯސިއޭޓުންނަށް އަމާޒުކޮށްގެންނެވެ. ޅ. ހިންނަވަރުގައި ކުރިއަށްދާ މި ޕްރޮގްރާމްގައި ފިޒިކަލް އެކްޓިވިޓީސްތަކާއި، ތިޔަރީ ކްލާސްތައް ހިމެނޭގޮތަށް ލީޑަރޝިޕް ސްކިލްސް އާއި މެނޭޖްމަންޓް ސްކިލްސް އުގަންނައިދެވޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ރާއްޖޭގައި ހަ ޒޯނެއްގައި ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް މިހާތަނަށް ޒޯން އެކެއް، ޒޯން ތިނެއް އަދި ޒޯން ހަތަރެއްގައި ވަނީ ހިންގާފައެވެ. ޒޯން ތިނެއްގެ ޕްރޮގްރާމް މިހާރު ކުރިއަށްދާއިރު، ޒޯން ފަހެއްގައި މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 15 އިން 20 އަށެވެ. އަދި ފަހު ޒޯން ކަމަށްވާ ޒޯން ހަޔެއްގައި މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 22 އިން 26 އަށްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރަށްރަށުގައި ތިއްބަވާ ސްޕޯޓްސް ކައުންސިލަރުންނާއި، ޔޫތު އެސޯސިއޭޓުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ސަބަބުން ރަށްރަށުގައި ކުޅިވަރު ވުޒާރާގެ ހަރަކާތްތައް ހަލުވިކަމާއެކު ކުރިއަށްގެންދިޔުމުގައި ގިނަ ފަސޭހަތަކެއްވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައިއެވެ. މިގޮތުން ރައްޔިތުންނާ ގާތުން ކުޅިވަރު ވުޒާރާގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައި މި ތަމްރީން ޕްރޮގްރާމްގެ ބައިވެރިން ހަރަކަތްތެރިވާނެ އެވެ.