ދ. ރިނބުދޫގައި ގާއިމްކުރި އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުވައިފިއެވެ.

ރިނބުދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި "ރަންހަމަ" އައުޓްޑޯ ޖިމް ހުޅުވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރިނބުދޫގެ ގިނަ ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރިނބުދޫ ކައުންސިލްގެ ރައީސް އަޙްމަދު އިޤްބާލް ޢަބްދުލް ޤައްޔޫމް ވިދާޅުވީ، މި ޖިމަކީ އެ ރަށުގެ ގިނަ ރައްޔިތުންތަކެއް ގިނަ ދުވަސްތަކެއްވަންދެން ބޭނުންވެގެން އުޅުނު ކަމެއްކަމަށެވެ. އަދި މި ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިކަން ހަމަޖައްސަވައިދެއްވުމުން ޝުކުރު އަދާކުރާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިނބުދޫގައި ގާއިމްކުރުމުގެ ޖިމްގެ މަސައްކަތް ކުރިން ހުއްޓިފައިވަނިކޮށް، އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް ނިންމީ މި ސަރުކާރުންނެވެ.