ނޭޕާލްގެ ކުރީގެ ބޮޑު ވަޒީރު ވިދާޅުވާ ގޮތުގައި ނޭޕާލްގެ ސިޔާސަތަކީ، ޗައިނާއަށް ދީލާލުމެއް ނޫންކަމަށާއި ނޭޕާލްގެ ސިޔާސީ ފަންތިން ބޭނުންވަނީ އިންޑިއާއާއެކު ގާތް ގުޅުމެއް ކަމަށެވެ. ބާބޫރާމް ބާޓްރާއީ މިފަދައިން ވާހަކަ ދައްކަވާފައި ވަނީ ނިއުދިއްލީގައި ނޫސްވެރިންގެ ބައްދަލު ކުރެއްވުމެއްގައެވެ.

އޭނާ ވިދާޅުވިގޮތުގައި ނޭޕާލު ވަނީ ސިޔާސީ ކާރިސާއަކަށް ވެއްޓިފައެވެ. އަދި މިވަގުތަށް ނޭޕާލަށް ބޭނުންވަނީ ސިޔާސީ ހަމަޖެހުމެވެ. އަދި ސިޔާސީ ހަމަޖެހުމެއް ލިބެން އޮތީ އިންޑިއާއާ އެކު އޮންނަ ސަގާފީ ސިޔާސީ އިޖުތިމާއީ ގުޅުން ބަދަހި ކުރެވިގެންނެވެ.

އިންޑިއާގެ މީޑިއާއިން ނޭޕާލް ޗައިނާއަށް ދީލާފައިވާ ކަމަށް ކޮށްފައިވާ ރިޕޯޓްތަކަށް ރައްދު ދެއްވަމުން ބާޓްރާއީ ވިދާޅުވީ ޗައިނާއަކީ ނޭޕާލްގެ ރައްޓެއްސެކެވެ. ނަމަވެސް ހިމާލިޔާ ފަރުބަދައިގެ އަނެއް ފަރާތުގައި އޮތުމުން ޗައިނާއާއެކު އިންޑިއާއާއެކު ބާއްވާފަދަ ގުޅުމެއް ބޭއްވި ވާހަކަތަކެއް ނުދެކެވޭ ކަމަށެވެ.

ނޭޕާލްގެ ސިޔާސީ މަސްރަޙުގެ މިހާރުގެ ހާކލަތާ މެދު ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކޮމިއުނިސްޓް ޕާޓީން ވެރިކަމަށް އައީ މެޖޯރިޓީއާއެކު ގައެވެ. ނަމަވެސް މިހާރު ޕާޓީ ދެ ފަޅިއަށް ބައިބައިވެފައިވާ ކަމަށެވެ. އަދި މި ހަނަޖުހެނުމުގެ ތެރޭގައި ޕާލަމެންޓް ވަނީ އުވާލާފައިވާ ކަމަށާއި މިފަދަ ކަންކަމަކީ ނޭޕާލްގެ ޑިމޮކްރެސީއަށް ފައިދާ ހުރި ކަމެއް ނޫން ކަމަށެވެ.

އިންޑިއާއާއި ނޭޕާލްގެ މައްސަލައަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ ނޭޕާލް ޑިމޮކްރެސީއަކަށް ފުރޮޅާލި އިރަކީ، އިންޑިއާގެ މަރުކަޒީ ސަރުކާރަށްވެސް ބަދަލުތަކެއް އައިސް، ބީޖޭޕީ ވެރިކަމަށް އައި ދަނޑިވަޅު ކަމަށެވެ. އަދި މަތީފެންވަރުގެ މަޝްވަރާތައް އެއަށްފަހު ދެ ގައުމު ދެމެދު ބޭއްވިފައިނުވާ ކަމަށް ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ވީހާވެސް އަވަހަކަށް ދެ ފަރާތުން ވާހަކަތައް ފަށައި ކަންކަން ހަމަ މަގަށް އަޅުވަން ވެއްޖެ ކަމަށެވެ.

ނޭޕާލަށް ދިމާވި ދުސްތޫރީ މައްސަލާގައި ނޭޕާލްގެ ސުޕްރީމް ކޯޓުން ވަނީ، ޕާލަމެންޓް އުވާލުން ބާޠިލުކޮށް އަލުން ޕާލަމެންޓްގެ މަސައްކަތް ފެއްޓުމަށް އަންގާފައެވެ. ޕާލަމެންޓް އުވާލީ ޑިސެމްބަރު މަހުގައެވެ.