ވޭތުވެ ދިޔަ 15 އަހަރު ޤައުމަށް ވެރިވެފައި ވަނީ ހަލަބޮލިކަމެވެ. ފެންނަމުން އައީ އައު ޤާނޫނު އަސާސީއާ އެކު ސިޔާސީ ހައްޤުތައް ކަށަވަރުވި ސިޔާސީ މީހުން މެދު އުޑުގައި ފިޔަޖަހަމުން ދިޔަ މަންޒަރެވެ. ރައްޔިތުންގެ ޚާދިމުން ކަމަށް ބުނަމުން އައިސް ރަސްކަމެއްހެން ހިތުހުރި ގޮތަކަށް ވެރިކަންކޮށް ބައިތުލްމާލަށް ހިތުހުރިހާ ގޮތެއް ހަދަމުން ދިޔަތަނެވެ. އޭގެ ސަބަބުން ރައްޔިތުންގެ ފަޤީރުކަންވީ އިތުރެވެ. ސާފް ބޯ ފެނާއި، ނަރުދަމާ ނިޒާމާއި، ބޯހިޔާވަހިކަމާ އަދި ސަލާން ޖަހަމުން އަންނަ އައުން ނިމުމަކަށް ނާދެއެވެ.
ޤައުމުގެ ހަރުމުދާ "ޕާޓީ އެކްޓިވިސްޓުންތަކުގެ މެދުގައި ބަހާލެވެވި، ވަޒީފާއާއި ފުރުސަތުތަކަކީ އަމުދުން ހަމައެކަނި ޕާޓީ މީހުންގެ ޙައްޤަކަށްވެ ނިމިއްޖެ،" ކަމަށް ރައްޔިތު މީހާ އަމިއްލައަށް ބުނަން ފެށިއެވެ. ޖުމްހޫރިއްޔަތުގެ ސިފަތައް ނެތި ގޮސް، ޕާޓީ ތަކުގެ ޚުދުމުޚުތާރުކަން ފެތުރުނެވެ. ސިޔާސީ ޤައިދީންގެ މިނިވަންކަމަށްޓަކައި އަޑު އުފުލުން ނޫން އަޑެއް ސިޔާސީ މަސްރަހުން ނުއިވެއެވެ. ސިޔާސީ މީހުންގެ ހައްޤުތައް ހޯދުމަށްޓަކައި މުޅި ޤައުމު ބަނދެވި ތާށިވީއެވެ.
ކަންމިހެން އޮތްއިރު، މިހާރު އަނެއްކާ ވެސް އިވެން ފެށި އަޑަކީ އައު އަޑެކެވެ. އައު ސިޔާސީ ހަރަކާތެއް ވުޖޫދަށް އަންނަ ވާހަކައެވެ. ގަބޫލް ކުރެވޭ ގޮތުންނަމަ، ވޭތުވެދިޔަ 15 އަހަރު އިސްލާހުގެ މަގުން ޤައުމު ކައްސާލާފައިވާ ގޮތުގެ ވާހަކަ ދައްކައި، ޖަވާބްދާރީވާނެ ހަރަކާތެކެވެ.
ޑީއެންއޭ
މިހާރު ރާއްޖެއަށް އުފަން މިވަނީ ދިވެހިންގެ ޑީއެންއޭ ނުވަތަ ދިވެހި ނެޝަނަލް އެކްޝަންއެވެ. މަޢުލޫމާތު ލިބޭ ގޮތުންނަމަ، މިއީ ސިޔާސީ ހަރަކާތެކެވެ. ސިޔާސީ ޕާޓީއެއް ނޫނެވެ. މިއީ ޤައުމުގެ ކަންކަން އިސްލާހް ކުރުމުގައި، އެ މީހަކަށް ފެންނަ އިސްލާހީ ވާހަކަތަކެއް ދައްކަން ހުޅުވާލެވިފައިވާ ސިޔާސީ ޕްލެޓް ފޯމެކެވެ. މި ހަރަކާތުގައި ބައިވެރިވުން ހަމަ ކޮންމެ ރައްޔިތަކަށް ހުޅުވާލެވިފައިވެއެވެ. ސިޔާސީ ޕާޓީ ތަކުގެ މެންބަރުންނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. މި ހަރަކާތް މިރޭ އިފްތިތާހު ކުރާނެކަން މިހާރު ވަނީ އިޢުލާންކޮށްފައެވެ.
ކޮންބައެއް؟
މި ހަރަކާތަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ފޮރިން މިނިސްޓަރ ދުންޔާ މައުމޫނާއި، ކުރީގެ މިނިސްޓަރ ޑރ. ޝައުގީއާއި، ކުރީގެ ޕީޖީ މުއީޒްއާއި، ޑރ. ވަހީދު ސަރުކާރުގެ ސްޕޯކްސް ޕާސަންކަން ކުރެއްވި މަސްއޫދު އިމާދާއި، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް ފަޔާޒާއި، ހަމްދީ އަގީލާއި، ތާރިގު އަލީ ލުތުފީ އާއި، މިހެން ގޮސް އެތައް ބަޔެއްގެ ހިއްސާއާއި ބައިވެރިވުން ހިމެނިގެން އުފެދިގެން އަންނަ ޕްލެޓް ފޯމެކެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި ދީނީ އިލްމުވެރިން ވެސް ހިމެނެއެވެ. އަދި ޤައުމަށް ގެންނަންއެދޭ އިސްލާހް ތަކާ މެދު ފުޅާ ދާއިރާއެއްގައި އާއްމު ރައްޔިތުންނާއި ކަމުވޮށިގެންވާ އެންމެހައި ފަރާތްތަކާ އެކު މަޝްވަރާކުރާކަމަށް އޮތީ އެންގިފައެވެ.
މައިގަނޑު މަސައްކަތް
މިއީ ސިޔާސީ ޕާޓީއެއް ނޫނެވެ. ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ހަރަކާތެއް ކަމަކަށް ވެސް ނުބެލެވެއެވެ. އެހެނީ، އާންމު ގޮތެއްގައި މޫވްމެންޓް ނުވަތަ ހަރަކާތްތަކަކީ ރަޖިސްޓްރީކޮށްގެން ޤާނޫނީ ހާއްސިއްޔަތެއް ލިބިގެން ހިންގާ އެއްޗެއްގެ ބަދަލުގައި، މުޖުތަމަޢުގެ ސިޔާސީ، އިޤްތިސާދީ، އިޖްތިމާއީ ހާލަތު މިހާރު ކަން ހިނގަމުން އަންނަ ގޮތް (status quo) ނޫން މުޅިން އެހެން ގޮތަކަށް ބަދަލްކޮށްކުމުގެ މަޤްސަދުގައި، މުޖުތަމައެއްގައި ހިމެނޭ އަފުރާދުންގެ މެދުގައި އެއްބަސްވެވި ފެށޭ މަސައްކަތަކަށް ކިޔާ ނަމެކެވެ. އެހެން ކަމުން، އެއްކުރެވިފައިވާ މަޢުލޫމާތުތަކަށް ބުރަވެ، މި ހަރަކާތުގެ މައިގަނޑު މަޤްސަދުތަކަށް ނަޒަރު ހިންގާލާނަމެވެ.
އެނގިފައިވާ ގޮތުން، މި ހަރަކާތުގެ އެންމެ މައިގަނޑު އެއް މަޤްސަދަކީ؛ އިސްލާމްދީނާއި، ދިވެހީންގެ ބަހާއި، ސަގާފަތާއި، ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ ސަރަހައްދުތައް (އެއްގަމާއި ވަޔާއި ކަނޑާއި ކަނޑު އަޑީގެ ބިން) އާއި، ދިވެހީން ޒަމާނުއްސުރެން ދަމަހައްޓަމުން އައި އިސްލާމީ ވަންތަކަމާއި އަމިއްލަވަންތަކަމާއި ޖުމްލަކޮށް މުޅި ދިވެހި ދައުލަތް ހިމާޔަކޮށް ބަލަހައްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އެ ޒިންމާ އުފުލަންދާގޮތް ބަލައިފާރަވެރި ކުރުވުމެވެ. އެކަން އެގޮތަށް ނުހިނގަންޏާ އެކަންކަމަށް ބާރު އަޅައި އަޑު އުފުލައި، ރައްޔިތުންގެ ބާރުވެރިކަން ދެމި އޮންނާނެ ފަދަ އަކުން މި ދެންނެވުނު ޒިންމާތަކާއި ހަވާލްކުރެވިފައިވާ ފަރާއިތްތައް ޖަވާބްދާރީ ކުރުވައި، ދިވެހި ޤައުމާއި ޤައުމިއްޔަތު ފާލުން ނެއްޓިގެން ނުދާނޭކަން ކަށަވަރު ކުރުމެވެ.
މިއާއެކު، ރާއްޖޭގެ ވެރިކަން ހިންގަމުން އަންނަ ނިޒާމުން ޖުމްހޫރިއްޔަތުގެ އަސަރު ފިލިޔަ ނުދީ، ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ވެރިކަމެއް، ރައްޔިތުން ކިބައިގައި، ރައްޔިތުންގެ ބާރުވެރިކަމާއި އެކު ހަޤީޤީ މާނާގައި މުޅި ރައްޔިތުންނަށް ޚިދުމަތްކުރުންމަތީ ދެމި އޮންނާނޭކަން ކަށަވަރުކުރުން ހިމެނެއެވެ. އަދި ރައްޔިތުން ރުހި އެދޭފަދަ ރައްޔިތުންގެ ވެރިކަމެއް ކުރަން އެޅިފައިވާ ހުރަސް ތަކާއި ބެހޭ ގޮތުން އާންމުންގެ މެދުގައި ބަހުސްކޮށް، އެފަދަ ހުރަސްތައް ދެނެގަނެވި، ރައްޔިތުންގެ ވެރިކަމެއް ދެމި އޮތުމަށް އެޅިދާނެ އެފަދަ އެންމެހައި ހުރަސްތައް ނައްތާލުންމަތީ މި ހަރަކާތް ދިގު މުއްދަތަކަށް ދެމި އޮންނާނެކަމަށް ތަސައްވަރު ކުރެވިފައިވެއެވެ.
ހަރަކާތުގައި ބައިވެރިވުން
މިއީ ހިފެހެއްޓިފައިވާ ހަރަކާތެއް ނޫނެވެ. މިއީ ހުޅުވާލެވިފައިވާ ހަރަކާތެކެވެ. ކޮންމެ ޕާޓީއެއްގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ. މިހަރަކާތުގައި ބައިވެރިވުމަށް އެމީހަކު ހުރި ޕާޓީއަކުން ވަކިވާކަށް ވެސް ނުޖެހޭނެއެވެ.
މިހާރުވެސް އެތައް ބަޔަކު މިހަރަކާތުގައި ބައިވެރިވެއްޖެއެވެ. ޙަރަކާތުގައި ބައިވެރިވުމަށް ފޯމެއް ފުރައި މެމްބަރޝިޕް ކާޑެއް ނުލިބޭނެއެވެ. އެހެންނަމަވެސް އަގުދުނާމާއެއްގައި ސޮއި ކުރަންޖެހޭނެއެވެ. އޭގައި ސޮއިކުރާ ހިސާބުން ދިވެހި ގައުމީ ހަރަކާތުގެ މެމްބަރަކަށް ނުވަތަ ބައިވެރިއަކަށް ވެވުނީއެވެ.
"މިއީ ވަރަށް އުޅެން ފަސޭހަ، މިނިވަން ޚިޔާލުގެ ބޭފުޅުން ތިއްބެވި ތަނެއް. މިއީ ހަމަ ކޮންމެ ސިޔާސީ ޚިޔާލެއް ވެސް ފާޅުކުރުމަށް އޮތް ޕްލެޓު ފޯމަކަށްވާތީ އަޅުގަނޑު ބައިވެރިވީ. އަޅުގަނޑަށް ގެއްލިފައިހުރި ހައްޤުތަކާއި ޤައުމާއި ދޭތެރޭ ކުރެވޭ އުންމީދުތަކާ ދެކޭ ހުވަފެން ތަކުގެ ވާހަކަތައް ދެއްކުމަށް. މިއީ އަދި ސިޔާސީ ޕާޓީއެއްވެސް ނޫން. އެހެންވީމާ ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތްގޮތަށް ބަލާއިރު މިވަގުތަށް ކޮންމެހެންވެސް މުހިންމު މަސައްކަތެއް ކަމަށް ޤަބޫލް ކުރެވޭތީ މި ހަރަކާތާ ގުޅުނީ. ކަންކަން ގޯސްކޮށްދާ ކަމަށްވާނަމަ ފަސޭހައިން ދެވޭނެގޮތް ވެސް އެބައޮތް. މި ހަރަކާތާއި އެކު ޤައުމު މިއެދޭ އެދުންތަކަށް ވަކާލާތުކުރާ އެއްޗެއްގެ ގޮތުގައި މި ހަރަކާތް ދެމި އޮންނާނެކަން ކަށަވަރު ކުރުމަކީ ރައްޔިތުންގެ ޒިންމާއެއް. މި ހަރަކާތުގައި ހަމަ ކޮންމެ މެންބަރެއް، ކޮންމެ ރައްޔިތެއް ވެސް ހަމަހަމަ ވާނެ" މިހަރަކާތުގެ ސީނިއަރ ބޭފުޅަކު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެތަ؟
"މިއީ ސިޔާސީ ހަރަކާތެއް. އަދި މި ހަރަކާތް ދެމި އޮންނާނީ ވެސް ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުކޮށް، ހަމަ އިސްކޮޅަށް ތެދުވެއްޖެކަން ކަށަވަރު ކުރާނެ ޤައުމީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި. އެންމެ ފަހުން މިހަރަކާތުގެ ތެރެއިން، ތަހުޒީބް ޤައުމީ ފިކުރުގެ ސިޔާސީ ޕާޓީއެއް ނުވަތަ ޕާޓީ ތަކެއް އުފަން ވުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެން ނުދެކެން މި ދެންނެވުނު ތަހުޒީބް ޤައުމީ ފިކުރުގެ ތެރެއިން ވެރިކަމަށް ވަޑައިގަތިއްޔާ ނޫނީ، ރައްޔިތުން އެދޭ ފަދައަކުން ޤައުމު ބަދަލްކުރެވިދާނެކަމަކަށް. މިފަދަ ސިޔާސީ ހަރަކާތެއްގެ މައިގަނޑު މަސައްކަތަކީ މި ފިކުރު ދިރުވައި، މި ފިކުރަށް ތަބާވާ ވެރިކަމެއް އަބަދުމެ ދެމި އޮތުން. މިއީ ސިޔާސީ ޕާޓީއެއް ނުވަތަ ރިޔާސީ އިންތިޚާބަކުން ނިންވާލާ ވަރަށް ވުރެ މާ ބޮޑު، މާ ފުޅާ މަސައްތެއް." ހަލި އޮންލައިންއަށް މައުލޫމާތު ދެއްވަމުން އެބޭފުޅާ ވިދާޅުވިއެވެ.
ޢުމަރުތަ؟
މިހަރަކާތުގެ ރިޔާސީ ކެންޑިޑޭޑަކަށް ވަނީ ޢުމަރު ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި އެ ހަރަކާތުގެ އިސްބޭފުޅަކު ވިދާޅުވީ ޝައުގުވެރިކަން ހުންނަ އެންމެންނަށް ވެސް އެފުރުސަތު އޮންނާނެ ކަމަށެވެ. ވަކި ބޭފުޅަކު ޚާއްސައެއް ނުވާނެ ކަމަށެވެ. "ޢުމަރާ ބެހޭ ގޮތުން ސުވާލު ކުރުމުން ދަންނަވާލާނަން. ޢުމަރަކީ ކުރިން ރިޔާސީ އިންތިޚާބުގައި ވާދަކޮށްފައިވާ ބޭފުޅެއް. އެހެންވީމާ އަދިވެސް އެވިސްނުމާއި ފިކުރު ހުންނާނެކަމަށް މި ބެލެވެނީ. އެކަމަކު، އެ ބޭފުޅާ ނުވަތަ އަދި އެހެން މީހެއް ވަށައިގެން އެނބުރޭ އެއްޗެއް ނޫން މި ހަރަކާތަކީ. މި ސަޤާފަތް ކަނޑުވާލާން ހަދާ އެއްޗެއް މިއީ. އެކަމަކު މިޙަރަކާތުގެ އުސޫލުތަކާއި ހަމަތަކުގެ ބޭރުން އެއްވެސް މީހަކު ވެރިކަމަށް ވަޑައިގަންނަވަން ނޫޅުއްވާނެ. ޢުމަރު ވެސް ވަޑައިގަންނަވާނީ އެހެން މީހުންގެ ތާއީދު ލިބިއްޖެއްޔާ. ވެރިކަމަށް ވަޑައިގަންނަވާނީ މީހާ. މި ހަރަކާތެއްނޫން. މިހަރަކާތް އަބަދުވެސް އޮންނާނީ މި ހަރަކާތުގެ މަޤްސަދުތަކާއި އެއްގޮތަށް ޤައުމުގެ ކަންކަން ހިނގަމުންދޭތޯ ބަލައި ފާރަލާ ވޮޗްޑޯގެއްގެ ގޮތުގައި. އެހެންވީމާ ކޮންމެ މީހަކަށް ވެސް މިހަރަކާތުގައި އޮތީ ހަމަހަމަ ފުރުސަތެއް،" އޭނާ ވިދާޅުވިއެވެ.
މިރޭ ކޮންބައެއް؟
މިރޭ މި ހަރަކާތް ސަންގު ޓީވީން ދައްކާނެއެވެ. މިދުވަސްވަރަކީ ރާއްޖޭގައި އިންތިހާއަށް ކޮވިޑް ފެތެރުމުންދާ ދުވަސް ކޮޅަކަށް ވުމުން މިރޭގެ ރަސްމިއްޔާތު ބާއްވަނީ އާއްމުންނަށް އާއްމުކޮށް ހުޅުވާލައިގެންނެއް ނޫނެވެ. ނަމަވެސް ފޭސްބުކް ލައިވްއާއި ޒޫމް ފަދަ ޑިޖިޓަލް ވަސީލަތްތަކުން މި ޖަލްސާގައި ބައިވެރިވެވޭނެއެވެ. އިފްތިތާހީ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ ޢުމަރު ނަސީރާއި، ދުންޔާ މައުމޫނާއި، މުނާޒްގެ އިތުރުން އަދިވެސް ދެތިން ހަތަރު ޒުވާން ބޭފުޅުން ކޮޅެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ހަރަކާތް އިފްތިތާހު ކުރެއްވުމަށްފަހު މާދުވަހެއް ނުކޮށް މީޑިއާއާ ބައްދަލު ކުރައްވާނެއެވެ. މި ހަރަކާތާ ބެހޭ ހުރިހާ މައުލޫމާތެއް ނޫސްވެރިންނަށް ދޭނެއެވެ. އެއަށްފަހު މި ހަރަކާތުގެ އަޤްދުނާމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި އާންމުގެ މަޝްވަރާއަށް ވަޑައިގަންނަވާނެއެވެ. ކުރިއަށް މި އޮތް ހައެއްކަ މަސް ދުވަހު މި ހަރަކާތުގެ މައިގަނޑު މަސައްކަތަކަށް ވާނީ އާއްމުންގެ މަޝްވަރާއާއި ބައިވެރިވުމާއި އެކު މި އަޤްދުނާމާ އެކުލަވާލުމެވެ.
މިގައުމީ ހަރަކާތުގައި ބައިވެރިވެ ގެއްލެމުން މިދާ ދިވެހި ގައުމު ކެނެރީ...ކެރަފާއިން މިންޖު ކުރުން މުހިއްމު.ކާފައިން ފެށިގެން ބަޣާވާތް ކޮށް ގައުމުގެ އެތައް ބަޔަކު މަރާފަ (ޝަރީޢަތަށް ސާބިތު ވެފައި)ތިބި ބަޔަކު ބޭނުންހާ ގޮތެއް މިގައުމަށް ހެދިޔަ ދީގެން ނުވާނެ.
ތިޔައީ އަޅުގަނޑު ވެސް އެދޭ ގޮތް.ތިޔަ ހަރަކާތުގައި ތިޔަ ތިއްބެވީ ގާބިލު ވަރަށް ވަރުގަދަ ފަހުލަވާނުން. އުއްމީދު ކުރި ވަރަށްވުރެ ވެސް ރަނގަޅު. އިފުތިތާހު ކުރެވުނުއިރު ގިނަ ބޭފުޅުންގެ މޫނު ނުފެނުނަސް އިވުނު އަޑުތައް ބަރާބަރު.
ވަރަށް ވަރަށް އުފާވެ ޤައުމާދޭތެރޭ ކުރޭވޭ އުންމީދު އާލާ ވެއްޖެ މި ރިޕޯޓް ކިޔާފަ. މި ޤައުމު މި އެދޭ އެދުމަކީ ތިޔައީ. ތިޔަ މަސައްކަތުގައި އިޙްލާސްތެރިކަން އިސްކޮށް ތިޔަ ގޮތުގައި ދެމި ތިބޭނޭ ކަަމަށް އުއްމީދު ކުރަން