އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) އާއި ފޮރިން މިނިސްޓްރީގެ ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ދެމެދު ލެޓަރ އޮފް އިންޓެންޓް (އެލްއޯއައި) އެއްގައި ސޮއިކޮށްފިއެވެ.

މި ކަމަށް ޓަކައި މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތުގައި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ އިބްރާހީމްއެވެ. ފޮސިމްގެ ފަރާތުން ސޮއި ކުރެއްވީ، ފޮރިން ސެކެރެޓަރީ ފާތިމަތު އިނާޔާއެވެ.

މި އެލްއޯއައިގެ ދަށުން ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއާއި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސްއާ ދެމެދު ޢިލްމީ ރޮނގުންނާއި އަމަލީގޮތުން މުވައްޒަފުންގެ ގާބިލުކަން އިތުރުކޮށް ފުޅާކުރެވިގެންދާނެއެވެ. އަދި އުނގަންނައި ދިނުމާއި ދިރާސާކުރުމުގައި ދެފަރާތުން އެކުގައި މަސައްކަތް ކުރެވިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ސީޑީއެސްއެސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް ޔޫސުފް ރަޝީދާއި، އެ ކޮލެޖުގެ ހެޑް އޮފް މިލިޓަރީ އިންސްޓްރަކްޝަންސް، މޭޖަރ މުހައްމަދު ޖިނާންއާއި، އެމްއެންޑީއެފް އޮފިސަރސް ޓްރެއިނިންގ ވިންގުގެ އެކްޒެކެޓިވް އޮފިސަރ، ލެފްޓިނެންޓް ސަލްމާ އިބްރާހީމްގެ އިތުރުން ފޮރިން މިނިސްޓްރީގެ އެޑް އޮފް ފޮސިމް، އައިމިނަތު ޝަބީނާއާއި އެމްބެސެޑަރ އެޓް ލާޖް، ޑރ. މުޙައްމަދު ފަހުމީ ހަސަން ބައިވެރިވެލެއްވިއެވެ