މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ 1446 ވަނަ އަހަރުގެ ރަމަޟާންމަހު މާލޭގެ ދެ މަރުކަޒެއްގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުމަށް އިޢުލާނުކޮށްފައެވެ.
މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި، މި ފުރުޞަތު ހުޅުވާލާފައިވަނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) އާއި މަސްޖިދު މަލިކި ސަލްމާންގައި އިމާމުވެ ތަރާވީޙު ނަމާދުކުރުމަށެވެ. މި ދެ މިސްކިތުގައި ތަރާވީޙު ނަމާދުކުރާނީ ހަމައެކަނި ދިވެހި ޙާފިޡުންކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މި ފުރުޞަތަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ޓެސްޓެއް ބޭއްވުމަށްފަހު، އެންމެ ރަނގަޅު 4 ޙާފިޡުން ހޮވާނެކަމަށް މިނިސްޓްރީން ބުނެއެވެ. ކޮންމެ މިސްކިތަކަށް 2 ޙާފިޡުން ހޮވޭނެއެވެ.
ހޮވޭ ޙާފިޡުންނަށް އުޖޫރައިގެ ގޮތުގައި ކޮންމެ ރެޔަކަށް 700 ރުފިޔާ ދޭނެކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މި ފުރުޞަތަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ވެބްސައިޓުން ފޯމު ޑައުންލޯޑުކޮށް، ފުރިހަމަކުރުމަށްފަހު 2025 ފެބުރުވަރީ 16 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.