ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ ޢަބްދުﷲ ޚަލީލް އޮމާންއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އޮމާންގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢިދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ބޭއްވުނީ އޮމާންގެ ފޮރިން މިނިސްޓްރީގައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚްވަންތަކަމުގެ ގުޅުމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ. މިގޮތުން ވިޔަފާރިއާއި ފަތުރުވެރިކަމާއި ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި އިންވެސްޓްމަންޓް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ބައިނަލްއަޤްވާމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެއްބަސްވެވުނުކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއާއި އޮމާންއާ ދެމެދު ސިޔާސީ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން އަވަސް ފުރުޞަތެއްގައި ބޭއްވުމަށް ދެ ވަޒީރުން ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި، މި ބައްދަލުކުރެއްވުމަށްފަހު ދިވެހިރާއްޖެއާއި އޮމާންއާ ދެމެދު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެއީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންއާއި ޑިޕްލޮމެޓިކްއާއި ސްޕެޝަލް، ސަރވިސް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް މިއުޗުއަލް ވިސާ އެގްޒެމްޝަންއާބެހޭ އެއްބަސްވުމެވެ.
ޑިޕްލޮމެޓިކްއާއި ސްޕެޝަލް ސަރވިސް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް މިއުޗުއަލް ވިސާ އެގްޒެމްޝަން އެގްރިމަންޓްގެ އިތުރުން އޯޑިނަރީ ޕާސްޕޯޓަށްވެސް ވިސާ އިސްތިސްނާކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމުގެ ޔަޤީންކަން، ވަޒީރު މި ބައްދަލްވުމުގައި ދެއްވިއެވެ. އަދި މި އެއްބަސްވުން އޮމާން ސަރުކާރަށް ހުށަހަޅުއްވާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މިހާރު ދިވެހި ރައްޔިތުންނަށް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވެނީ ޚާއްޞަ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. މި ޝަރުތުތަކުގެ ތެރޭގައި ވަކި ޤައުމުތަކެއްގެ ވިސާ އޮތުން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ އަދި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.