ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އޮމާންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޯ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން އެފެއާޒް އެންޑް ސްޕެޝަލް ރެޕްރެސެންޓެޓިވް އޮފް ހިޒް މެޖަސްޓީ، ހިޒް ހައިނަސް ސައްޔިދު އަސްޢަދް ބިން ޠާރިޤް އަލް-ސަޢީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތަކީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އޮމާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
މި ޒިޔާރަތުގައި ޑރ. ޚަލީލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދިވެހި ރައްޔިތުންގެ ނަމުގައި އޮމާންގެ އިސްވެރިންނާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރެއްވިއެވެ. އަދި ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖެއަށް ކުރިމަތިވި ގޮންޖެހުންތަކުގައި އޮމާނުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
ހިޒް ހައިނަސް ސައްޔިދު އަސްޢަދް ބިން ޠާރިޤް އަލް-ސަޢީދު، ޑރ. ޚަލީލަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެއާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި، މި ބައްދަލުވުމުގައި ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވުނެވެ.
ޑރ. ޚަލީލްގެ އިތުރުން މި ބައްދަލުވުމުގައި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ އަދި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.