އޮޑިފަހަރުގައި މަސް ފިނިކޮށް ތާޒާކޮށް ބަހައްޓައިދޭ ނިޒާމު (އާރް.އެސް.ޑަބްލިޔު) ނުވަތަ ރެފްރިޖެރޭޓެޑް ސީވޯޓަރ ސިސްޓަމް ރާއްޖެއަށް އަލަށް ތަޢާރަފުކޮށްފިއެވެ.
މި ނިޒާމު ރާއްޖެއަށް ތަޢާރަފުކުރެވުނީ ޔަންމާއިން ރާއްޖޭގައި ހަރަކާތްތެރިވާތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ޑިސެމްބަރު 8 ވަނަ ދުވަހު ބޭއްވުނު ޚާއްސަ ހަފްލާއެއްގައެވެ.
މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީން) ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، މި ނިޒާމު ރާއްޖެއަށް ތަޢާރަފުކުރެވުނީ ދިވެހި ސަރުކާރުގެ އިސްނެގުމާއެކު، އެމްޓީސީސީއާއި ޔަންމާގެ ބައިވެރިވުމާއެކުގައެވެ. މި ކަމަށްޓަކައި މަސްވެރިންނަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވަނީ މަސްވެރިކަމާބެހޭ ވުޒާރާގެ ގްރާންޓް ޕްރޮގްރާމްގެ ދަށުންނެވެ.
ޔަންމާއިން އުފައްދާފައިވާ އާރް.އެސް.ޑަބްލިޔު ނިޒާމަކީ އިންޖީނަކާއި ޖަނަރޭޓަރެއްގެ އިތުރުން ލޮނުފެން ފިނިކުރާ އައު އީޖާދީ ޓެކްނޮލޮޖީގެ އެހީގައި މަސް ފިނިކޮށް ބަހައްޓައިދޭ ތަފާތު ނިޒާމެކެވެ. މި ނިޒާމު ފަރުމާކުރެވިފައިވަނީ ދެމެހެއްޓެނިވި، ރަނގަޅު ފެންވަރުގެ އިތުބާރުހުރި ހައްލެއް މަސްވެރިންނަށް ހޯދައިދިނުމުގެ ގޮތުންނެވެ.
މި ނިޒާމުގެ ސަބަބުން މަސްވެރިން ބާނާ މަސް ތާޒާކޮށް އޭގެ ފެންވަރު ދަށްނުވާނެހެން ބެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. އަދި، މިކަމުގެ ސަބަބުން މަސްވެރިންނަށް މަހުގެ ހަމައަގު ލިބި އާމްދަނީ އިތުރުވެގެންދާނެކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.
އެމްޓީސީސީއިން މަޢުލޫމާތުދޭ ގޮތުގައި، އާރް.އެސް.ޑަބްލިޔު ސިސްޓަމްއިން މަސް ފިނިކޮށް ބެހެއްޓުމަށްޓަކައި ބޭނުންކުރާ ޓެކްނޮލޮޖީއިން ވަރަށް ހައި ޕްރެޝަރގައި ކާބަން ޑައިއޮކްސައިޑް ދޫކޮށްދިނުމުގެ ސަބަބުން މި ނިޒާމުން ވަރަށް އަވަހަށް ލޮނުފެން ފިނިކޮށްދީ ފިނަ ހިފަހައްޓައިދެއެވެ. މި ނިޒާމަކީ ކުޑަ ހަކަތައެއް ބޭނުންކޮށްގެން މަސައްކަތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެއްކަމުން، ހިންގުމުގެ ޚަރަދު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ. އެމްޓީސީސީއިން އިތުރަށް ވިދާޅުވީ މި ނިޒާމަކީ ޖާގަ ކުޑަ ދޯނިތަކުގައިވެސް ބޭނުންކުރުމަށް އެކަށީގެންވާ ގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެއްކަމަށެވެ.
އާރް.އެސް.ޑަބްލިޔު ނިޒާމު ކޮންޓްރޯލް ކުރުމަށްޓަކައި ހަރުކުރެވިފައިވާ ވީ.އެސް.ޑީ ކޮންޓްރޯލް ސިސްޓަމްގެ އިންޓަރފޭސް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް މި ނިޒާމު ފަސޭހަކަމާއެކު ބޭނުންކުރެވޭނެހެންނެވެ. އަދި މި ނިޒާމުގައި ފިނިކުރުމަށް ބޭނުންކުރާ ރެފްރިޖަރަންޓްގެ ގޮތުގައި ބޭނުންކުރަނީ އާރް.ސެވަން.ފޯ.ފޯ ރެފްރިޖަރަންޓެވެ. މިއީ ރެފްރިޖަރަންޓްތަކުގެ ތެރެއިން ތިމާވެށްޓާ އެންމެ ރައްޓެހި އެއް ރެފްރިޖަރަންޓެވެ. އެހެންކަމުން، މި ނިޒާމުގެ ސަބަބުން މަސް ފިނިކޮށް ބެހެއްޓުމުގެ ޤާބިލްކަމާއި ފެންވަރު އިތުރުވެގެންދާއިރު، މިފަދަ ނިޒާމެއް ބޭނުންކުރުމުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރެވިގެން ދިޔުމަކީވެސް ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.
ޔަންމާ އާރް.އެސް.ޑަބްލިޔު ނިޒާމަކީ ފަސޭހަކަމާއެކު މަސްވެރިންނަށް ބާނާ މަސް ތާޒާކޮށް ރަނގަޅު ފެންވަރުގައި ބަހައްޓައިދިނުމަށް އެހީތެރިވެދޭނެ އިތުބާރު ހިފޭ ބައިވެރިއެކެވެ. އާރް.އެސް.ޑަބްލިޔު ނިޒާމާއި އެކަމަށް ބޭނުންކުރާ އިންޖީނު އަދި ޖަނަރޭޓަރަކީ ޔަންމާ ސޮލިއުޝަންސްގެ އުފެއްދުމެކެވެ. އަދި، މިއީ މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށްގެން ފަރުމާކުރެވިފައިވާ އީޖާދެކެވެ.
ޔަންމާ އާރް.އެސް.ޑަބްލިޔު ނިޒާމު މަސައްކަތްކުރާގޮތާ ގުޅޭ އިތުރު ހޭލުންތެރިކަން ކުރުމަށްޓަކައި، މަސްވެރިންގެ ދުވަހާ ގުޅުވައިގެން މި މަހުގެ 10 ވަނަ ދުވަހު އެމްޓީސީސީން ބޭއްވި "އޮޑިވެރިޔާ ފޯރަމް" ގައި މި ކަމާގުޅޭ ޚާއްޞަ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅައިދެވިފައެވެ.