މާބަނޑު ދުވަސްވަރު ހަންގަނޑަށް އަންނަ ބަދަލުތަކާ އޭގެ ހައްލު

މާބަނޑު ދުވަސްވަރު ހަންގަނޑަށް އަންނަ ބަދަލުތަކަކީ މަންމައިންނަށް ކުރިމަތިވާ އެންމެ ބޮޑު ހާސްކަމެވެ. ހާއްސަކޮށް އަލަށް މަންމަ އަކަށްވާ މީހެއް ނަމަ އެކަމާ އެތައް ހިތާމައެއް ކުރެއެވެ. އެތައް ޝަކުވާ އެއް ކުރެއެވެ. އެތައް ފަހަރަކު ހަމުގެ ޑޮކްޓަރަށް ދައްކާ ބާޒާރުގައި ހުރި އަގުބޮޑެތި ފަރުވާ ތައް ގެޔަށް ގެނެސް ބޭނުން ކުރެއެވެ. ބައެއް މީހުން މިކަމާ އެހާ ބޮޑަށް ލަދުގަނެ ހާސްވަނީ ބައިވެރިޔާ ތިމާ މަތިން ފޫހިވެދާނެތީއެވެ. ނުވަތަ ރައްޓެހިންގެ ކިބައިން ލިބޭ މަލާމާތްތަކާ ހުރެއެވެ. ނުވަތަ އެއީ ނުރައްކާތެރި ކަމެކޭ ހިތާ ފިކުރުކުރެވޭ ފަހަރުވެސް މަދެއްނޫނެވެ. އެކަމަކު ހާސް ނުވާށެވެ. މާބަނޑު ދުވަސްވަރު އާންމުކޮށް ހަމަށް އަންނަ ބަދަލުތަކަކީ އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ދިމާވާނޭ ކަމެއް ނޫނެވެ. ނަމަވެސް ހަމުގައި ބިހިނަގައި، ރަތްވެ، ދުޅަވެ، ފިތްނަގައި، ކަހައި ހިރުވައި، ފޮޅުނަގައި، ފާރުވެ، މިފަދަ ކަމެއްވެގެން ގިނަ ދުވަސްވާނަމަ ޑޮކްޓަޜެއްގެ ލަފާ ހޯދާ ފަރުވާ ކުރުން ވަރަށް މުހިންމެވެ. މާބަނޑު ދުވަސްވަރު މޭވާ އާއި ތަރުކާރީ ހާއްސަކޮށް ފެހިކަން ގަދަ ފަތާއި ރީނދޫ މޭވާ އަކީ ހަންގަނޑުގެ އެކި މައްސަލަތަކުން ދުރުކޮށްދޭ ކަމެކެވެ.

އާންމު ގޮތެއްގައި މާބަނޑުވުމުން ހަންގަޑަށް ދިމާވާ ކަންކަމަކީ

· ސްޓްރެޗް މާކް އުފެދުން

· ހަމުގެ ކުލަ ބަދަލުވުން ( ހަންގަނޑު ކަޅުވުން)

· ހަމުގައި ލައްޖެހުމާއެކު އޮށާޅަ ނެގުން .

· ހަމުގެ ލޭނާރުތައް ފާޅުވެ ފެންނަން ހުރުން.

· ހަންގަނޑު ހިރުވުން

މާބަނޑު ދުވަސްވަރު ސްޓްރެޗް މާކު އުފެދުން

ބަލިވެއިންނަ 90 އިންސައްތަ އަންހެނުންނަށް ސްޓްރެޗް މާކު އުފެދުން ކުރިމަތިވެއެވެ. މާބަނޑު ދުވަސްވަރު ހަމުގައި ރަތް،ފިޔާތޮށި ނުވަތަ ދަބުކުލައިގެ ރޮނގުތަކެއް ފާޅުވާން ފަށައެވެ. މިއަށް ކިޔަނީ ސްޓްރެޗް މާކް އެވެ. މިރޮނގުތައް އާންމު ގޮތެއްގައި ހުންނަނީ އުރަމައްޗާއި، ބަނޑާއި، ފިދުމަސްގަނޑާއި، ފައިގެ ފަލަމަސްގަނޑުގައެވެ. ވިހެއުމަށްފަހު ފަހު ގާތްގަނޑަކަށް 6 މަސް ދުވަހުގެ ތެރޭގައި މި ރޮނގުތައް ފިލާ ކުރީގެ ހާލަތައް ބަދަލުވެއެވެ. ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ވެސް ނަގާފާނެއެވެ. މި ރޮނގުތައް ފާޅުވާން ފަށާއިރު އޭގެކުލަ ބިނާވެފައި އޮންނަނީ އެމީހެއްގެ ހަންގަނޑުގައި ހުންނަ ކުލައެއްގެ މައްޗަށެވެ. ސްޓްރެޗް މާކް ކުޑަކުރުމަށް ގަވައިދުން ކަސްރަތުކޮށް ވިޓަމިން އީ ހިމެނޭ ލޯޝަނެއް ބޭނުންކުރެވިދާނެއެވެ.

މާބަނޑު ދުވަސްވަރު ހަމުގެ ކުލަ އަނދިރިވެ ކަޅުވުން

ޒަމާނީ މަންމައިންނަކީ ހަށިގަނޑުގެ ދުޅަހެޔޮ ކަމާއި މާބަނޑުއިރު ހަށިގަނޑަށް އަންނަ ބަދަލުތަކާމެދު އަހުލުވެރިވެ ތިބޭ ބައެއް ނަމަވެސް މާބަނޑު އިރު ހަންގަނޑުގެ ކުލަ އަނދިރިވެ ކަޅުވުމުން މީހުންގެ ފާޑުކިޔުންތަކުން މީހާ ނަފްސާނީ ގޮތުން ބަލިކަށިވާ ފަހަރު އާދެއެވެ. އެގޮތުން މާބަނޑުވުމުން ހަމުގެ ކުލަ އިހުނަށްވުރެ ކަޅުވުމަކީ ގިނަ އަންހެނުން ހިތްދަތި ކުރުވާ ކަމެކެވެ. ސިއްހީ މާހިރުންގެ ހޯދުންތަކަށް ބަލާއިރު މިކަން އާންމުކޮށް ދިމާވަނީ ހަމުގެ ކުލަ ކަޅު މީހުންނަށެވެ. ބައެއް މީހުންގެ ވަށްގަނޑާއި، ވަށްގަނޑުގެ ވަށައިގެންވާ އަނދިރި ހަމުގެ ކުލަ އިތުރަށް އަނދިރިވެ، ކަޅުވާކަން ފާހަގަ ކުރެވިދާނެ އެވެ. ނުވަތަ ފޫޅު ވަށައިގެންވީ ހިސާބު، ފައިގެ ފަލަމަސްގަނޑުގެ އެތެރޭ ކައިރި، ކިހިލިފަތް ދޮށުގެ ހަމުގެ ކުލަ، އަނދިރިވެ، ކަޅުވުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް މިހިސާބުތަކުގައި އުފެދޭ ކަޅުކަން ނޫނީ އަނދިރިކަން ވިހެއުމަށްފަހު މަޑުމަޑުން ފިލައި އަލިވެދެއެވެ. ނަމަވެސް ވިހެއުމަށްފަހު ވެސް ވަށްގަނޑުގެ ކުލަ ކުރިން ހުންނަ ވަރަށް ވުރެ، އަނދިރިކޮށް، ކުލަ ގަދަގޮށް ހުރުމަކީ ވެދާނެ ގޮތެކެވެ.

މާބަނޑު ދުވަސްވަރު މޫނުގައި ލައްޖެހުން

މާބަނޑު ދުވަސްވަރު މޫނުގައި ތިކިތަކެއްގެ ސިފައިގައި ލައްޖަހައި، ކުލަބަދަލުވުމަކީ ބައެއް މީހުނަށް ދިމާވާ ކަމެކެވެ. ނަމަވެސް ހަމުގެ ކުލަ މީހުނަށް މި ފުރުސަތު ބޮޑު ކަމަށް ދިރާސާ ވެރިންނާއި ސިއްހީ މާހިރުން ހެކިވެއެވެ. މިގޮތަށް ލައްޖަހާއިރު ނިތްކުރިއާއި، ނޭފަތް ކޯ،އަދި ލޯ ވަށައިގެން މުށިކުލައިގެ ތިކިތަކެއް ނޫނީ ލައްތަކެއް ފާޅުވެއެވެ. ބަލިވެ އިންނަ ކޮންމެ 3 މީހުންގެ ތެރެއިން 2 މީހުންނަށް މިމައްސަލަ ދިމާވާކަމެއްކަން ފާހަގަ ކުރެވެއެވެ. މާބަނޑު ދުވަސްވަރު މޫނުގައި ލައްޖެހުން ކުޑަކުރުމަށް ބޭރަށް ނިކުމެ އުޅޭ އިރު އަވިން ރައްކާތެރިވުމަށް ކުޑައެއްފަދަ އެއްޗެއް ބޭނުންކުރުމާ ސަން ސްކްރީން ލޯޝަނެއް ބޭނުންކުރުން މުހިންމެވެ.

މާބަނޑު ވުމުން ލޭނާރުތައް ފާޅުވެ ފެންނަން ހުރުން

މާބަނޑު ދުވަސްވަރު ލާނާރުތައް ފާޅުވެ ފެންނަން ހުރުމަކި ވަރަށް މަދުން ދިމާވާ މައްސަލައެކެވެ. ބައެއް މީހުންގެ ކޯތާފަތް މަތިން ނާރުތައް ފާޅުވެ ހުރެއެވެ. މިގޮތަށް ދިމާވަނީ އެ ނާރުތަކަކީ ހަމުގެ އެތެރެއަށް ފަޅައިގެންގޮސްފައި ހުންނަ ނާރުތަކަށް ވުމުންނެވެ. މި ބަދަލުތަކަކީ ހޯމޯން އަންނަ ބަދަލުތަކާ ލޭ ދައުރުވުން އިތުރުވުމުން ދިމާވާ ކަމެކެވެ. މި ކަމަކީވެސް ވިހެމަށް ފަހު ބޭހަކާ ނުލާ އަމިއްލަ އަށް ފިލައިގެންދާނެ ކަމެކެވެ. ނަަމަވެސް މާބަނޑު ދުވަސްވަރު މިކަން ހައްލު ކުރުމަށް ވިޓަމިންސީ ބޭނުން ކުރެވޭ މިންވަރު އިތުރުކޮށް ވިޓަމިންސީ އެކުލެވޭ ޖޫސްބުއިން ގިނަ ކުރެވިދާނެއެވެ.

މާބަނޑު ދުވަސްވަރު އޮށާޅަނެގުން

މާބަނޑު ދުވަސްވަރު އޮށާޅަނެގުމަކީ ވެސް ބައެއް އަންހެނުަންނަށް ދިމާވާ ކަމެކެވެ. މާބަނޑު ދުވަސްވަރު އޮށާޅައިގެ އަސަރު އެންމެބޮޑަށް ކުރަނީ ބަނޑަށް 3 މަހުގައެވެ. އޮށާޅަ ނެގުމަށް ދިމާވަނީ ހަށިގަނޑުގެ ހޯމޯން ތަކަށް އަންނަ ބަދަލު ތަކުގެ ސަބަބުން ހަންގަނޑުގެ ތެޔޮކަން އިތުރުވުމުންނެވެ. އޮށާޅައާއި ގުޅިގެން ކޯތާފަތާއި ނޭފަތް ކައިރި ހިސާބުގައި ރަތްކަން ގަދަވެގެން ދެއެވެ. އޮށާޅަނެގުން އިތުރުވާ ކަންތައްތަކުގެ ތެރޭގައި މާބޮޑަށް ފިނިވުން ނުވަތަ ހޫނުވުން އަދި އަވީގައި ގިނަ އިރު އުޅުމުން އޮށާލައިގެ އަސަރު އިތުރުވެގެންދެއެވެ. އަދި ތެޔޮ ހިމެނޭ ކާތަކެތި ގިނައިން ބޭނުން ކުރުމާއެކު ކުޅި އެއްޗެހި ގިނައިން ކެއުމުންވެސް އޮށާލައިގެ ނެގުން އިތުރުވެއެވެ. އޮށާޅަ ނެގުން ކުޑަކުރުމަށް ގިނައިން މޫނުދޮވެ ސާފުކުރުމާއެކު މޮއިސްޓަރައިޒަރ އެއް ބޭނުން ކުރެވިދާނެއެވެ. އަދި މޫނުގައި ހުންނަ ތެޔޮކަން ކުޑަކުރުމަށް ހާއްސަ " އެސްޓްރިންޖެންޓް" އެއް ބޭނުން ކުރެވިދާނެއެވެ. އޮށާޅަނެގުން އިތުރުވެ އުނދަގޫވާން ފެށިޔަސް އެކަން ކުޑަކުރުމަށް ޑޮކްޓަރެއްގެ ލަފަޔާ ނުލާ އަމިއްލައަށް އެއްވެސް ފަރުވާ ހޯދުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

މާބަނޑު ދުވަސްވަރު ގައި ހިރުވައި ކެހުން

މާބަނޑު ދުވަސްވަރު ގައިން ބިހިނަގައި ކެހުމަކީ ސަބަބެއް ނޭނގި ބައެއް އަންހެނުންނަށް ދޭތެރެ ދޭތެރެއިން ދިމާވާ ކަމެކެވެ. މިއީ އެއްވެސް ނުރައްކަލެއް ހުރި ކަމެއް ނޫނެވެ. މިގޮތަށް ދިމާވަނި ހަމަށް ލޭ ފޮނުވައިދޭ މިންވަރު އިތުރުވުމުން ނުވަތަ ބަނޑުބޮޑުވަމުންދާ ވަރަކަށް ހަންގަނޑަށް ދެމި ވާން ވުމުން ދިމާވާ ކަމަކަށް ވެދާނެއެވެ. އަދި ފުރަމެޔަށް ދިމާވާ ހާއްސަ ހާލަތެއްގެ ސަަބަބުން ހަށިގަނޑު އާދަޔާ ހިލާފަށް ކަހައި ހިރުވައެވެ. ބައެއް ފަހަރު ފައިގެ ދަށްފުށުގައި ނުވަތަ އަތުގެ ހުދު ހަމުގައި ވެސް ހިރުވައެވެ. ނުވަތަ ވަކި ހިސާބެއްގައި ފިތް ނަގައި ހިރުވަފާނެއެވެ. ބައެއް ފަހަރު މިގޮތަށް ދެތިން ގަޑިއިރު ނުވަތަ ދެތިން ދުވަހުވެސް ހިރުވާ ފާނެއެވެ. ބައެއް ފަހަރު ކެލަމިން ލޯޝަން ނުވަތަ "އޯޓް މީލް ބާތް" އެއް ނެގުމުން މިކަން ކަން އަވަހަށް ހައްލުވެއެވެ. އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރުގެ ލަފަޔާއެކު ފަރުވާ ހޯދުމެވެ.

މާބަނޑު ދުވަސްވަރު އެކީ މީހުނަށް ކުރިމަތިވާނީ ހަމުގެ އެކި މައްސަލައެވެ. މިއިން އެއްވެސް ހާލަތެއްގައި މާޔޫސް ނުވާށެވެ. ހަމަށް އަންނަ ބަދަލުތައް ޑޮކްޓަރުގެ ލަފަޔާއެކު ދެނެގަންނާށެވެ. ހަށިގަނޑަށް ފައިދާ ހުރިކާނާ ބޭނުން ކުރާށެވެ. ފެހިކަން ގަދަފަތާއި ރީނދޫ މޭވާ ގެ ޖޫހެވެ. އަދިވެސް ތަފާތު މޭވާތައް ބޭނުން ކުރުން ވަރަށް މުހިންމެވެ. މީގެ އިތުރުން މާބަނޑު އިރު ހަންގަނޑަށް އަންނަ ބަދަލުތައް ބައިވެރިޔާ އާއި ހިއްސާ ކުރާށެވެ. އަދި މިވާހަކަތަށްވެސް ބުނެދީ އޮޅުންފިލުވައިދޭށެވެ. މާބަނޑު ދުވަސްވަރު ހަމަށް ބަދަލު އަންނަނީ ބަލިވެ އިނުމާއި ގުޅިގެން، ހޯރމޯންތަކާއި، ހަށިގަނޑުގެ ދިފާޢީ ބާރާއި، އަދި ހަށިގަނޑުގެ ލޭދައުރުވުމަށް އަންނަ ބަދަލުތަކާއި ގުޅިގެންނެވެ. މިގޮތަށް އަންނަ ގިނަ ބަދަލުތައް ވިހެއުމަށްފަހު މަޑުމަޑުން ފިލައިގެންދާނެއެވެ. މާބަނޑު ދުވަސްވަރު ހަމަށް އަންނަ ބައެއް ބަދަލުތަކަކީ އާއިލާގެ ފަރާތުން ވާރުތަވެފައިވާ ކަމަކަށްވެދާނެއެވެ. ޚާއްޞަކޮށް މަންމަ، ދައްތަ ފަދަ މީހެއްގެ ހަމަށް މާބަނޑު ދުވަސްވަރު މިފަދަ ބަދަލުތައް އައިސްފައިވާނަމަ، އެމީހަކަށް މާބަނޑު ދުވަސްވަރު ހަމުން އެފަދަ ބަދަލުތައް އައުން އެކަށީގެންވެއެވެ. މިކަންކަން ބައިވެރިޔާ އާއި ހިއްސާކޮށް ފަރުވާ ދެނެގަތުމުގައި ދެމީހުން މިކަންކަން ދެނެގަތުމަށް ޝާމިލުވާށެވެ. އޭރުން ތިލިބޭ މާޔޫސްކަން ކުޑަވެ ހިތްހަމަ ޖެހުން ލިބޭނެއެވެ. އަދި އެފަދަ ހާލަތްތަކުގައި ބައިވެރިޔާގެ އެހީތެރިކަން ލިބޭ މިންވަރުވެސް އިތުރުވެގެންދާނެއެވެ.