10:25: ހައުސިންގ މިނިސްޓްރީގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ކޮންޓްރޯލް ކޮށްފި.
އަލިފާން ރޯވަން ދިމާވި ސަބަބު ކަމާބެހޭ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވޭ.
ހައުސިންގ މިނިސްޓްރީއާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހުރި އިމާރާތުގައި ރޯވެ އަނދަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރު އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން އަދިވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށާއި މުޅި އިމާރާތުގައި ރޯވެފައިވާއިރު މިހާރު މަސައްކަތް ކުރަނީ އެހެން އިމާރާތަކަށް އަލިފާން ފޯރިޔަނުދިނުމަށްކަމަށެވެ.
އެ ދެ މިނިސްޓްރީން ހިންގަމުން އަންނަ އިމާރާތުގައި ރޯވިއިރު، އެ އިމާރާތާ ޖެހިގެން ހުންނަ އޮފީސް އިމާރާތްތަކުން މީހުން ވަނީ ނެރެފަ އެވެ.
މީގެއިތުރުން އެންޑީއެމްއޭއިން ބުނެފައިވަނީ އަލިފާން ރޯވެފައިވާ އިމާރާތުގެ ވަށައިގެންވާ އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށާއެި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ސޯޝަލް ސެންޓަރަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމްވެސް އެ ސަރަހައްދަށް ވަނީ ވަޑައިގެންފައެވެ.
މި ހާދިސާއާ ގުޅިގެން އެމްޓީސީސީން ވަނީ އަމީނީމަގުން ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ. އަދި ވެސްޓްޕާކު ރޫޓުން ކުރާ ދަތުރުތަކަށް ބުރޫ އެރުން އެކަށީގެންވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.