ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، 2034 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ބީލަން ސައޫދީ އަރަބިއްޔާއިން ކާމިޔާބު ކޮށްފައިވާތީ، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދަށާއި، ސައޫދީ އަރަބިއްޔާގެ ވަލީއަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދަށް އަދި އެ ގައުމުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކުރައްވައި ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ، މި ކާމިޔާބީއަކީ ސައޫދީ އަރަބިއްޔާގެ ހައިބަތާއި ގަދަރު ދުނިޔޭގައި އުފުލެމުންދާ ކަމުގެ ހެއްކެއްކަމަށާއި، އަދި ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުގެ ސާބިތުކަމާއި، ހަރުދަނާ ސިޔާސަތާއި އިސްނެގުމުގެ ދިރިހުރި މިސާލެއް ކަމުގައި ވިދާޅުވެފައެވެ. މިއީ ސައޫދީ އަރަބިއްޔާގެ އިތުރުން، ޢަރަބި ކަރަޔަށާއި އަދި މުޅި އިސްލާމީ އުންމަތަށް ލިބުނު ފަހުރެއްކަމުގައިވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވައިލައްވަމުން، 2034 ވަނަ އަހަރު ސައޫދީ އަރަބިއްޔާގައި އޮންނަ ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތަކީ ކުޅުންތެރިންގެ މޮޅުކަން ދައްކުވައިދޭ ވޯލްޑް ކަޕަކަށް ވުމުގެ އިތުރުން، އެއްބައިވަންތަކަމާއި ސަގާފަތާއި ފަންނިއްޔާތާއި އީޖާދުތަކުގެ ރޮނގުންވެސް ދުނިޔެއަށް މުޅީން އައު ކަންތައްތަކެއް ދައްކުވައިދޭނެ މުބާރާތަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.