ދިވެހިރާއްޖެއިން އަބަދުވެސް އިންސާނީ ހައްގުތަކުގެ އުސޫލުތައް ނަގަހައްޓައި، ދަމަހައްޓާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އިންސާނީ ހައްގުތައް ނަގަހައްޓާ، ދެމެހެއްޓުމަށް ދިވެހިރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައި މިވަނީ، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި، އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އިންސާނީ ހައްގުތަކުގެ ދުވަހެއް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ ހައްގުތަކަކީ، ގުޅިލާމެހިފައިވާ ހައްގުތަކެއްކަން ހަނދާންކުރަންޖެހޭނެ ކަމުގައި ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. އަދި ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ، ކަރާމާތާއި ހަމަހަމަކަމާއި އަދުލު އިންސާފު ގާއިމްކުރުން ކަމުގައި ވާހިނދު، އެފަދަ މުޖުތަމައެއް ބިނާކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ޖިއޮގްރަފީ ގޮތުން ތަފާތު، ހާއްސަ ކަމެއް ލިބިފައިވާ ޤައުމެއް ކަމަށްވާތީ، ދިވެހިރާއްޖޭގެ ވެއްޓަށް ފެތޭ ގޮތަށް ސިއްހީ ހިދުމަތާއި، ތަޢުލީމާއި، އަދުލުއިންސާފުގެ ހަމަހަމަކަން ލިބޭނެ އިންތިޒާމް ހަމަޖެއްސޭނެ ސިޔާސަތުތަކާއި ގާނޫނުތައް އެކުލަވާލައި، އެންމެންގެ ޝާމިލުވުމާއި ބައިވެރިވުން އެކުލެވޭ، ސުލްހަވެރި، މުޖުތަމަޢެއް ބިނާކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަންވެސް ރައީސްގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަމާއި، މަސައްކަތްތެރިންގެ ހައްގުތަކާއި، މިންތީގެ ހަމަހަމަކަމާއި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މާޙައުލެއް ގާއިމުކޮށްދެއްވުމަށް އަދުގެ ސަރުކާރުން މަސައްކަތްކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ 10 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކުރާ އިންސާނީ ހައްގުތަކުގެ ދުވަހެވެ. މިދުވަސް ފާހަގަކުރަން ފެށީ، 10 ޑިސެންބަރު 1948 ގައި، އ.ދ. އާންމު މަޖިލީހުގެ ޖަލްސާއިން، އިންސާނީ ހައްގުތަކުގެ އާންމު ގާރާރު ނުވަތަ "ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" (ޔޫ.ޑީ.އެޗް.އާރް) ފާސްކުރުމާ ގުޅިގެންނެވެ. މިއަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ ޝިއާރަކީ، "އަޅުގަނޑުމެންގެ ހައްގުތައް، އަޅުގަނޑުމެންގެ މުސްތަގުބަލު، ހަމަ މިހާރު" އެވެ.