އެސްޓީއޯގެ ސަބްސިޑަރީ ކުންފުންނި ފިއުލް ސަޕްލައިގެ މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އަދި ލިބޭ ފައިސާއަށް ހިޔާނާތްވެ ފައިސާ ލޯންޑަރ ކުރަމުންދާކަމުގެ ޝައްކު ކުރެވޭ މައްސަލައާ ގުޅިގެން މަޖިލީހުން ބަލަމުންދާ މައްސަލަ މާލިއްޔަތު ކޮމިޓީއިން ސިއްރުކޮށްފިއެވެ.

މައްސަލަ ތާވަލު ކުރެވިފައި އޮތީ އެފްއެސްއެމްގެ މައި ކުންފުނި އެސްޓީއޯގެ ބޯޑުގެ ބޭފުޅުންނާ ބައްދަލުކުރުމެވެ.

އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެކުންފުނީގެ ތެލުން ވައްކަންކޮށް، ފައިސާއަށް ހިޔާނަތްތެރިވި މައްސަލަ ފުލުހުން ގެންދަނީ ތަހްގީގު ކުރަމުންނެވެ. މި މައްސަލަ އާއި ގުޅިގެން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ މައްސަލައިގައި މިހާތަނަށް ފުލުހުން ވަނީ 10 މީހުންނާއި 2 ގެއެއް އަދި ތެޔޮ އުފުލާ ދެ ބާޖު ބަލައި ފާސްކޮށްފައި ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ އެހެނިހެން އާލާތްތައްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން އެފްއެސްއެމްއިން ސާޅިހަކަށް މުވައްޒަފުން ވަކިކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ކުރިން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ވަނީ މަގާމުން ވަކިކޮށްފައެވެ.