ނޭޝަނަލް ކެރިޔާ ސަރވިސެސް (އެންސީއެސް) ގެ މެނޭޖްމަންޓް އިން އއ. ފެރިދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި މިއަދު ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މިއަދު ފެރިދޫ ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި އެންސީއެސްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޑެޕިއުޓީ މިނިސްޓަރ ޝަހީދާ ޢަލީ އާއި ސީނިއަރ މެނޭޖަރ ޝުޖާތު ޚަލީލެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ފެރިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި އެންސީއެސް ގުޅިގެން އެ ރަށުގައި މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދިއުމާ ގުޅޭ ގޮތުންނެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމަކީ އެންސީއެސް އާއި މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު (މީރީ) ގުޅިގެން ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މި ޕްރޮގްރާމްގެ ދަށުން މި މަހުގެ 12 އިން 14 އަށް އއ. އަތޮޅުގައި ސެޝަންތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށްޓަކައި އެންސީއެސްގެ ޓީމެއް މިހާރު ވަނީ އއ. ފެރިދޫގައި މަސައްކަތް ފަށާފައެވެ.